ދިވެހިރާއްޖެއިން ޕާކިސްތާނާއެކު ތައުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ ގޮތުން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އިސްލާމީ ތައުލީމާއި ސައިންސާއި ސަގާފަތާބެހޭ ޖަމްއިއްޔާ (އައިސިސްކޯ) ކޮންފަރެންސްގެ ހަވާސާގައެވެ.

އެގޮތުން ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓަރު ޝަފްގާތު މަހްމޫދާއެކު އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ ޓީޗަރުންނާއި ފެކަލްޓީތަކުގެ މެދުގައި ބަދަލުކުރެވޭ މުއާމަލާތްތަކަށް ހާއްސަ އަހަންމިއްޔަތު ކަމެއްދީގެން ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ދެގައުމުގެ ދެމެދުގައިވާ ގުޅުން ރުވައި އާލާކުރުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައިސްފައިވާކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.

ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަދި، ކޮވިޑް-19 ގެ ހާލަތުގައި ތައުލީމީ ދާއިރާއިން އަމަލުކުރަމުން ދާގޮތުގެ ތަޖުރިބާއާއި، ޑިސްޓެންސް ލާނިން އެޑިޔުކޭޝަނަށް ކެޕިޓަލައިޒް ކުރުމުގެ މުހިންމުކަންވެސް ދެގައުމުން ވަނީ ހިއްސާކޮށްފައެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރިމަތިވި ގިންޖެހުންތަކުގެ މައުލޫމާތު މި ކޮންފަރެންސްގައި މިނިސްޓަރ ޑރ. އައިޝަތު އަލީ ހިއްސާކުރެއްވިއެވެ.

އެގޮތުން، ބަލިމަޑުކަމުގެ ސަބަބުން ސްކޫލުތަކުގެ ދަރިވަރުންނަށް ކުރިމަތިލާން ޖެހުނު ކަންތައްތަކާއި ދިމާވި ގޮންޖެހުންތައް ހިއްސާކުރެއްވިއެވެ.