ބޫޝަން ކުމާރް އަދި ކުލްދީޕް ރާތޯޅްގެ ސަސްޕެންސް ތްރިލަރ "ހިޓް ދަ ފަސްޓް ކޭސް" ރިލީޒްކުރާ ތާރީޚަކަށް އަންނަ އަހަރުގެ މެއިމަހުގެ 20 ވަނަ ދުވަސް ހަމަޖައްސައިފިއެވެ.

ތެލުގޫ ފިލްމު "ހިޓް" އަސްލަކަށް ބަލައިގެން ގެނެސްދޭ ރިމޭކް ފިލްމު "ހިޓް-ދަ ފަސްޓް ކޭސް" ގައި އެކްޓަރު ރާޖް ކުމާރް ރާއޯ ފެނިގެންދާނީ ގެއްލިގެން ހޯދަމުން އަންނަ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސިފައިންގެ މީހެއްގެ ގޮތުގައެވެ.

ތެލުގޫ ޑައިރެކްޓަރު ސައިލޭޝް ކޮލާނޫ ޑައިރެކްޓުކޮށްފައިވާ ފިލްމު "ހިޓް" ކުޅެފައިވަނީ، ތެލުގޫ ތަރިންކަމަށްވާ ވިޝްވަކް ސެން އަދި ރޫހަނީ ޝަރްމާއެވެ.

ފިލްމުގައި އެކްޓަރު ރާޖް ކުމާރް ރާއޯ ކުޅޭ ރޯލާބެހޭގޮތުން އޭނާ ބުނެފައިވަނީ، އޭނާ އަބަދުވެސް މަސައްކަތްކުރަނީ، މީގެކުރިން ކުޅެފައި ނުވާކަހަލަ އާ ރޯލްތަކެއް ކުޅުމަށެވެ.

ފިލްމުގެ ސްކްރިޕްޓް ކިޔާލުމަށްފަހު މިފަދަ ހާދިސާތައް ވަށައިގެންވާ މާހައުލުގައި މިއަދު ގިނަވެފައިވާ މިންވަރު ވަރަށް ބޮޑަށް އިހުސާސްވެފައިވާ ކަމަށްވެސް އެކްޓަރު ރާޖް ކުމާރް ރާއޯވަނީ ބުނެފައެވެ.

ދާދިފަހުން ލޯބިވެރިޔާ ޕަތްރަލެކާއާއި ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފަށާފައިވާ ރާޖްކުމާރް ރާއޯ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެންދިޔައީ ފިލްމު 'ކައި ޕޯ ޗޭ" އިންނެވެ.

އެއަށްފަހު އޭނާ ފާހަގަކުރެވިފައިވަނީ އާދައިގެ ކުޑަ ބަޖެޓް ފިލްމުތައް ކުޅެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރެއްގެ ގޮތުގައެވެ.

ރާޖް ކުމާރް ރާއޯއަކީ ފިލްމީ އެއްވެސް ބެކްގްރައުންޑެއް ނެތި އޭނާއަށް ލިބިފައިވާ އެކްޓިންގެ މޮޅު ހުނަރުން ގިނަ ބައެއްގެ ތައުރީފް ލިބި ބޮލީވުޑްގައި ފައިތިލަ ހަމަކޮށްލި ޒުވާން އެކްޓަރެކެވެ.

އޭނާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭގައި، މިއަހަރުގެ ޖެނުއަރީ މަހުގެތެރޭ މަސައްކަތް ފަށާފައިވާ ފިލްމު "ބަދާއީ ދޯ" ހިމެނެއެވެ.