ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން، މަސްވެރިކަމަށް ހިދުމަތް ކޮށްދީފައިވާތީ ގއ.ގެމަނަފުށީ އުމުރުން 23 އަހަރުގެ ހަސަން ސާޖިން ހުސެއިން (ޒުވާން މަސްވެރިޔާ) އަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެޖްރިކަލްޗާއިން ހާއްސަ އެވޯޑެއް ދީފިއެވެ.

ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ސާޖިންއަށް އެވޯޑް ދިނުމަށް ނިންމާފައިވަނީ ރޭ ކ. ގާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.

ސާޖިންގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ 7 އަހަރު ވަންދެން ހުއްޓުމެއްނެތި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޕެލެޓްފޯމްތަކުގައި މަސްވެރިކަން ޕްރޮމޯޓްކޮށް މަސްވެރިކަމަކީ ސަޅި ކަމެއްކަން ދެއްކުމަށް ކުރި މަސައްކަތުގެ އަގުވަޒަން ކޮށްދީފައިވާކަމަށެވެ. އަދި މީގެއިތުރުން ސާޖިން ވަނީ އެ ޕޯސްޓުގައި ރަހުމަތްތެރިންނަށާއި އާއިލާގެ މީހުންގެ އިތުރުން އުރީދޫ މޯލްޑިވެސް އަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މަސްވެރިކަމުގެ ދާއިރާގައި ސާޖިން ހަރަކާތެރިވާން ފެށީ ގްރޭޑް 9 އިން ފެށިގެންއެވެ. ސާޖިން އަންނަނީ ރާއްޖެގެ މަސްވެރިކަން ދުނިޔޭގައި މާކެޓްކޮށް، ރާއްޖޭގެ މަސްވެރިން ދުނިޔޭގައި މާކެޓް ކުރުމަށް މީސްމީޑިއާގައިވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ހަމައެއާއިއެކު މަސްވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެންވެސް އޭނާ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސާޖިންގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިންވަނީ އެކުންފުނީގެ އެމްބަސަޑަރަކަށް އޭނާ ހަމަޖައްސާފައެވެ.