އަރިއަތޮޅު އުކުޅަހަށް އުފަން ޢުމުރުން 44 އަހަރުގެ ސުނީތާ އަލީއަކީ އެވަރު ދެވަނައެއް ނެތް ކުޅަދާނަ ނެށުންތެރިއެކެވެ. މިއަދުވެސް އޭނާ އެކަމެއް ނުހުއްޓައެވެ. އެކަމަކު މިހާރު އެއީ ހަމައެކަނި ކުޅަދާނަ ނެށުންތެރިއެކޭ ބުނެ ނިންމާލެވޭކަށްނެތެވެ.

ޢުމުރުން އެންމެ 16 ވަރަކަށް އަހަރުގައި އަމިއްލަ ޒަރުރީ ބޭނުންތަކާއި އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ސުނީ އުފަން ރަށް ދޫކޮށް މާލެ އައިސް ގުޅުނީ ދިވެހި ފިލްމް އިންޑަސްޓްރީއާއެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ތަފާތު ނެށުންތަކެއް ހުށަހަޅައިދެމުން އަންނަ ސުނީ މޮޅީކީ ހަމައެކަނި ނަށަން އެކަންޏެއް ނޫނެވެ. އޭނައަކީ ބުރަ މަސައްކަތް ކުރުމާއި ކެއްކުމާއި ވިޔަފާރި ހިންގުމުގެ ފަންނުގައިވެސް އަރާހުރި ފިސާރި ކަނބަލެކެވެ.

ސުނީއަކީ މިހާރު ކުރިއަރަމުން އަންނަ ވިޔަފާރިވެރިއެކެވެ. އަމިއްލަ ބްރޭންޑެއް ތައާރަފުކޮށް، އަހަރެއްގެ ތެރޭގައި ކާމިޔާބު ގިނަ އުފެއްދުންތަކެއް ބާޒާރަށް ނެރެ ވިއްކަމުންދާ ހީވާގި ވިޔަފާރިވެރިއެކެވެ.

ސުނީ އަކީ މިހާރު، އޭޝިއާގެ "އައުޓްސްޓޭންޑިން ވުމަން އެޗީވާ އެވޯޑު" ގެ ވިނާއެވެ. އޭނާގެ "ސުނީ ސްޕެޝަލް" ބްރޭންޑަކީ "އައުޓްސްޓޭންޑިން ބްރޭންޑް" އެކެވެ.

ފޮޓޯ: ސުނީތާ

މި އެޗީވްމަންޓާއި ގުޅިގެން ވީނިއުސްއަށްދިން އެކްސްކްލޫސިވް އިންޓަރވިއުއެއްގައި ސުނީ ކިޔައިދިނީ އޭނާގެ ވިޔަފާރީގެ ވާހަކައެވެ. ބައިނަލްއަގުވާމީ އެވޯޑެއްވެސް މިހާރު ހޯދާފައިވާ، "ސުނީސް ސްޕެޝަލް" އުފެދި، ކާމިޔާބު ބްރޭންޑަކަށްވުމުގެ ފަހަތުގައިވާ ސިއްރުތަކެވެ.

ޗުއްޓީ ދަތުރެއްގައި އުފަން ރަށް އއ. އުކުޅަހަށް ގޮސް ހުރިއިރު ސުނީގެ މަންމަ ކާށިތެޔޮ ހަދައި، ރަށުގައި އެ ވިއްކާތަން އޭނާއަށް ފެނުނެވެ. ބުރަ މަސައްކަތަކުން މަންމަ ތައްޔާރުކުރާ އެ ތެޔޮފުޅި، ކުޑަ އަގެއްގައި ވިއްކާކަން އެނގުނު ހިސާބުން އޭނާ ބޭނުންވީ އެއިން ރަނގަޅު އަގެއް މަންމަ އަށް ލިބޭނެ ގޮތެއް ހޯދައިދޭށެވެ.

އެގޮތުން ސުނީ ބުނީ އެ ތެޔޮފުޅިތައް މާލެ ގެނެސް، ސޯޝަލް މީޑިއާގައި މާކެޓްކުރަން ފެށުމާ އެކު، ވިކި ހުސްވި ކަމަށެއެވެ. އެކަމަކު އޭރުވެސް ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރާނަމޭ ހިތަށް ނާރުވާ ކަމަށްވެސް ސުނީ ބުންޏެވެ.

އެހެންނަމަވެސް އޭގެ ދުވަސްތަކެއް ފަހުން މުޅި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމުގެ އަސަރު ސުނީގެ ނެށުމުގެ ކެރިއަރަށްވެސް ކުރިއެވެ. އާމްދަނީ ހޯދަން ކުރަމުން އައި "ބުރަ" މަސައްކަތް މަޑުޖައްސާލަން ޖެހުމުން ތަފާތު ހިޔާލުތައް ކުރެވެން ފެށުނެވެ.

އެހެންނަމަވެސް ސުނީ ބުނީ އެއީ އަދި ގޮތްހުސްވީ ކަމުގައި ނުދެކޭކަމަށާއި ދެން ވިސްނީ ކޮންމެވެސް އެހެން ކަމެއް ކުރަން ކަމަށެވެ. އަދި މާޔޫސްވި ވަގުތު އުންމީދުގެ ހުޅުކޮޅު ދިއްލާލީ އެއްކަލަ މަންމަ ތައްޔާރުކުރާ ކާށި ތެޔޮފުޅި ކަމަށް ސުނީ ބުންޏެވެ. އެ ތެޔޮފުޅި ހާސްކަމުގެ ތެރެއިން ސުނީގެ ބޮލަށް ލިބުނު ފަރުވާއަކަށްވެ، އޭނާގެ މި ކުޑަކުޑަ ވިޔަފާރީގެ ފެށުމަކަށް ވިއެވެ.

ފޮޓޯ: ސުނީތާ

މި ވިޔަފާރީގައި ސުނީ އެންމެ ފުރަތަމަ ތައްޔާރު ކުރީ ލޮކްޑައުން ތެރޭފައު "ސުނީސް ސްޕެޝަލް" ބްރޭންޑްގެ ލޮނުމިރުހެވެ. އެއަށް ލިބުނު ތަރުހީބު މާ ބޮޑުވުމުން، ވިޔަފާރީގެ ދެވަނަ ޕްރޮޑަކްޓަކަށް މަންމަ ތައްޔާރުކުރާ ތެޔޮފުޅި ހެދިއެވެ.

އެކަންވީ "ސުނީސް ސްޕެޝަލް"ގެ ހަގީގީ ފެށުންކަމަށް ސުނީ ބުނިއިރު އޭގެފަހުން އަމިއްލައަށް އެކި ވައްތަރުގެ ކާ އެއްޗެތި ހަދަންވެސް ސުނީ ފެށިއެވެ. އެގޮތުން ހަދާ ތަކެތީގެ ތެރޭގައި ތެއްލި ރިހާކުރާއި ހެނދުނުގެ ނާސްތާއަށް ޚާއްސަކޮށްގެން ތައްޔާރުކުރަން ފެށި ބްރެކްފާސްޓް ޕެކޭޖްގައި ހިމެނޭ ކުޅި މަހުގެ އިތުރުން ލޮނު މިރުސް ހިމެނެއެވެ.

އަދި މިހާރުގެ ސުނީގެ ވިޔަފާރީގެ ކުޑައިގެ ދަށުން ހަވާދާއި މުރުމުރާއި ރުކުރަލާއި ކުޅިރޮއްޓާއި މި ބާވަތުގެ ތަކެތި ވިއްކަން ފެށިއެވެ. އަދި މިތަކެތި ސުނީ ގެންނަނީ ސުނީގެ އުފަން ރަށް އުކުޅަހުން ސުނީގެ ތިމާގެ މީހުންނާއި ބައްޕަ އަދި މަންމަ ލައްވާ މިތަކެތި ހަދުވައިގެނެވެ. އަދި މިތަކެތީގެ ސާފުތާހިރުކަމާއި ކޮލިޓީއަށް ސުނީ ގެރެންޓީދެއެވެ.

"އަމިއްލަ އަށް ކުރާ ކަންކަން ގިނަވިޔަސް، މިއީ މުޅިއަކުން އެކަނި ކުރާ މަސައްކަތެއް ނޫން. މަންމަމެން، ބައްޕަމެން އަދި އާއިލާގެ ތެރެއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކުރާ ކަމެއް،އަދި ސުނީ ކޮންމެ ކޮންމެ މީހަކު އަތުން އެއްޗެހި ނުގަންނަން ސުނީގެ މަންމަމެން އަދި އިތުބާރު ކުރެވޭ ގާތް ތިމާގެ މީހުން އަތުން މިތަކެތި ގަނެގެން ގެނެސް ވިއްކަނީ"
ސުނީތާ އަލީ

ދިވެހި އަންހެން ކަނބަލުން ރޯލް މޮޑެލް އެއްގެ ގޮތުގައި ބަލަން ހުރިހާގޮތަކުންވެސް ފިޓު ސުނީ، މިތަކެތި ރަށުން މާލެ ފޮނުވުމުން ތަކެތި ނަގަން ބޯޓު ދޮށަށް ދަނީވެސް ޚުދު އޭނާއެވެ. އެތަކެތި މާލެ ގެނެސް ޕެކްކޮށް ޕެކްކުރާ ސާމާނު ގަތުމާއި އެ ތަކެތި ހިފައިގެން ކަސްޓަމަރުގެ ގާތަށް ދަނީވެސް ހަމަ ސުނީއެވެ.

ފޮޓޯ: ސުނީތާ

ޕްރޮޑަކްޓުތައް ވިއްކަން ސުނީ އަމިއްލައަށް ދިއުމުން ކަސްޓަމަރުންގެ ރިއެކްޝަން ހުންނަ ގޮތާއިމެދު ވާހަކަދައްކަމުން ސުނީ ބުނީ، އާބާދީގެ ބޮޑުބައެއް ދަންނަ މީހަކު އެއްޗެހިތަކެއް ވިއްކަން ކަސްޓަމަރުންނާއި ހަމައަށް ދިއުމުން އެމީހުން ވަރަށް ހައިރާންވާކަމަށެވެ. އެހެންނަމަވެސް ސުނީއަށް މިކަން މައްސަލައަކަށް ނުވާއިރު އޭނާ ދެކެނީ މިއީ އޭނާގެ ވިޔަފާރި ކާމިޔާބުވުމުގެ ހަގީގީ ސިއްރުކަމަށެވެ. އަމިއްލައަށް ގޮސް ޑެލިވަރީކުރުމުން ސުނީގެ ވިޔަފާރީއަށް މީހުން ކުރާ އިތުބާރުބޮޑެވާކަން ސުނީ ފާހަގަކުރިއެވެ. ޕްރޮޑަކްޓް ހަދަން ފެށުމާއި ހިސާބުން އިޝްތިހާރު ކުރުމާއި މާކެޓްކުރުމާއި ޑެލިވަރީކުރަނީވެސް ހަމަ ސުނީއެވެ.

"މީގައި އޮންނާނި ހިތްވަރާއި އެކަމަށް ޝައުގުވެރިކަމާއިއެކު ވަގުތު ދިނުން. އަދި އެންމެ ބޮޑުކަމަކީ ކެރުން. އަންހެނެކޭ ކިޔާފައި ނުކެރިހުރެ ކަންކަން ނުވާނެ. ޕްރޮޑަކްޓް ހަދައި އިޝްތިހާރުކޮށް ވިއްކުމުގެ ހުރިހާ ކަމެއްގައި ވެސް އުޅެނީ އަމިއްލައަށް. ދެން މީހުން ވަރަށް ބަލާ، ފާޑު ފާޑު އެއްޗެހިވެސް ކިޔާ، އަބަދުވެސް ކިޔާތާދޯ؟ އެކަމަކު ސުނީއަކީ އެހެން މީހަކު ކިޔާހާ އެއްޗަކަށް ބަލާ އެއަށް ޖަވާބު ދޭ މީހެއް ނޫން އަދި ނުވެސް ދޭނަން."
ސުނީތާ އަލީ

އެވޯޑަށް ނަން ހުށަހެޅުމުން އެ އެވޯޑުގެ ޖަޖިންގ ޕެނަލް އިން ކުރި ސުވާލުތައް ސުނީ ވީނިއުސް އާއި ހިއްސާކުރިއެވެ.

"އެވޯރޑް ލިބުނު އިރު ޖޫރީންވެސް ސުވާލުކުރީމަ ސުނީ ބުނީ ހަމަ ހުރިހާ ކަމެއްވެސް ކުރަނީ އަމިއްލައަށޭ. އެމީހުންވެސް ވަރަށް ގަބޫލުކުރަން ދަތިވެފަ ތިބީ. އެއީ މިހާ ބައިވަރު މަސައްކަތް އެކަނި ކުރާތީ. އެ މީހުން ކުރީ އަސްލު ވަރަށް ބޮޑު ޓީމެއް އޮވެގެންނޭ މި މަސައްކަތް ކުރަނީ. އެމީހުން ބުނީ ހާދަ ވައިޑްކޮށޭ އެކަމަކު މަސައްކަތް ތި ކުރަނީ. ދެން އަދި އެހި ކިހިނެއް ހޭ ޓައިމް ހޯދަނީ މަސައްކަތް ކުރަން އެއީ އަދި ޕާރފޯރމްވެސް ކުރަމުން."
ސުނީތާ އަލީ

ފޮޓޯ: ސުނީތާ

"އޭޝިއާސް އައުޓްސްޓޭންޑިން ވިމެން އެޗީވާ އެވޯޑް" ލިބުނު ސުނީތާ އަލީ އަށް މުނިފޫހިފިލުވުމުގެ ދާއިރާފަަދަ، ބުރަ، ވަގުތު ހޭދަވާ ކެރިއަރެއްގައި އުޅެމުން، މި ވިޔަފާރި ކުރުމަށް ވަގުތު ހޯދަނީ ކިހިނެއްތޯ ޖޫރީން ސުވާލު އުފެއްދުމުން ސުނީ ދިނީ ވަރަށް ކުރު އަދި އެހާމެ ފޮނި ޖަވާބެކެވެ.

"އެއްޗެހި ހަދައި ޑެލިވަރީ ކުރަން ވަރަށް ޓައިމް ލިބޭ. އަހަންނަކީ އަނެއްހެން ބޭރު ތެރޭގައި އެނބުރި އުޅޭ މީހެއް ނޫން، ކަމެއް ނެތިގެން. ބައެއް މީހުން ހިނގައިދާނެ ފޫހިވެގެން ކޮފީއަކަށް. އެހެން ޓައިމް ސްޕެންޑްކުރާ މީހެއް ނޫން އެއް އިރަކު ވެސް. އަހަރެން ކޮފީއެއް ނުބޮން ދުންފަތުގެ އިސްތިއުމާލެއް ނުކުރަން."
ސުނީތާ އަލީ

ސުނީ ބުނީ އޭނަ އުޅެނީ އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި ކަމަށެވެ. ކުރިއަށް އޮތީ ރާއްޖޭގައި އަންނަ އެންމެ ބޮޑު އީދެވެ. އެއީ ޚިތާނީ މޫސުމެވެ. މިހާރު ސުނީގެ ޝެޑިއުލް އެއްކޮށް އޮތީ ބުކްވެ ފުލްވެފައެވެ. ސުނީއަކީ އެހާވެސް ޑިމާންޑު ބޮޑު އާޓިސްޓެކެވެ. މުޅި ޑިސެމްބަރު މަސް ސުނީ ހަމަނޭވާ ލާނެ ވަގުތުވެސް ނުވާނެއެވެ.

ފޮޓޯ: ސުނީތާ

ސުނީ ބުނީ އޭނަގެ ޝޯތަކުގައި އަބަދުވެސް ބަލަނީ އެކަން ކޮށްދޭ ބަޔަކު ހިތްހަމަ ޖެހޭ ވަރުކުރަން ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ ވިޔަފާރީގައިވެސް ސުނީ އަންނަނީ އޭނަ ވިއްކާ ޕްރޮޑަކްޓްތަކުގެ ކޮލިޓީ ހިފަހައްޓަމުންނެވެ.

ވީގެ އެކްސްކްލޫސިވް އިންޓަރަވިއު ނިންމާލަމުން މުސްތަގްބަލަށް ކުރާ އުއްމީދުތައް ހިއްސާކުރީ ލުއި ހިނިތުންވުމަކާއިއެކުއެވެ.

"އިރާދަކުރެއްވިއްޔާ ހުވަފެނަކީ ސުނީގެ އަމިއްލަ އުފެއްދުން ވިއްކާ ކުޑަ ފިހާރައެއް ހުޅުވުން. އެންމެ ބޮޑު ޑްރީމް އަކީ އަސްލު ރެސްޓޯރަންޓެއް ހުޅުވުން. ދެން ވިޔަފާރި ކުރިއަސް، ސުނީ އަކީ އެންޓަޓެއިނާ އެއް. އެގޮތުގައި އަބަދުވެސް ފެންނާނެ. އިރާދަކުރެއްވިއްޔާ ގިވްއަޕް އެއް ނުކުރާނަން."
ސުނީ

ސައްބީސް އަހަރު، ދިވެހިން މުނިފޫހިފިލުވާ، އުފާކޮށްދިނުމަށް ކޮށްދިން ހިދުމަތުގެ އަގު ރާއްޖެއިން ވަޒަން ނުކުރާކަން ސުނީ ފާހަގަކުރީ ނުހަނު ހިތާމަ އާއިއެކުއެވެ. އެގޮތުން ގައުމީ ފެންވަރުގައި ދޭ އިނާމުތަކަށް 11 ފަހަރެއްގެ މަތިން ކުރިމަތިލާފައިވާނެކަމަށާއި މިއަހަރު ނޫނީ އިންޓަވިއުއަށްކީ ފަހަރެއްވެސް ނެތްކަން ސުނީ ފާހަގަކުރިއެވެ. އަދި މިއަހަރުވެސް އިންޓަވިއުއަށްފަހު ދެން އެއްވެސް ހަބަރެއް ނުވާ ކަމަށާއި ރޫލާ އެވޯޑަށްލީ ހަމަ ގައުމީ އެވޯޑުތަކަށް ހުށަހަޅާ ސީވީކަން ސުނީ ފާހަގަކުރިއެވެ. ސުނީގެ މަސައްކަތުގެ އަގުވަޒަން ނުކުރާ ތަނުގައި، ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ބުރަ މަސައްކަތުން އަމިއްލަ ބްރޭންޑެއް އުފައްދައި، ވިޔަފާރިއެއް ކޮޅަށް ޖެހުމުން އެކަންވެސް ބަލައި ނުގަނެ އެތައް ފަހަރަކު އުފަން ފަސްގަނޑުގައި ފެއިލްވެފައިވާކަން ގަބޫލުކުރާކަމަށްވެސް ސުނީ ބުނީ ނުހަނު ދެރަވެފައި އިނދެއެވެ.

ފޮޓޯ: ސުނީތާ

އެތަށް ބައެއްގެ މަލާމާތާއި ފުރައްސާރައާއި ހަނގާގެ ޝިކާރައަކަށްވި ސުނީ ފަހަރަކު ހުނަރެއް، ފަހަރަކު މަސައްކަތެއް ކުރަމުން ހިއްވަރުކުރަމުން ގޮސް ރޭސް ނިންމައި މާ ކުރިއަށް ވެސް ދުއްވައިގެންފިއެވެ.

ހަމަ އަސްލުވެސް ސުނީ އޭނަގެ ހުނަރުން މުޅިރާއްޖެއަށް ވެސް އަންގައިދިނީ ރޫލާރ އެވޯރޑް ދޭން ހަމަ ސުނީވަރުގެ އެހެން މީހަކު ނުފެނުކަމެވެ. ސުނީ އަކީ "ފިސާރި ކަނބަލެއް" ކަމުގައި ދެކެންވީ އެހެންވެއެވެ.