މާލޭގެ މަގުތަކުގައި މޯލްޑިވްސް ވޯޓަރ އެންޑް ސުއަރޭޖެ ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބަހައްޓާފައިހުރި ޕަންޕުތައް ނުބަލަހައްޓާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއްކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
މާލެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި އާންމުންނަށް އުނދަގޫވާ މިންވަރަށް މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ފެން ހިންދުމަށްޓަކައި ގާއިމު ކޮށްފައިވާ ސްޓޯރމް ވޯޓަރ ޕަންޕުތައް އެމްޑަބްލިއުއެސްސީއަށް ނުބެލެހެއްޓޭ ކަމުގައި ވާނަމަ މާލެ ސިޓީ ކައުންސިލާ ޕަންޕުތައް ހަވާލުކުރުމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު ވަނީ އެދިވަޑައިގެންފައެވެ.
އެކަމާއި ގުޅިގެން "ވީނިއުސް"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝާހު ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްޓޯމް ވޯޓާ ޕަމްޕްތައް ގަވައިދުން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށާއި، މަރާމާތު ކުރަންޖެހޭ ޕަމްޕެއް ފާހަގަވާނަމަ އެކަމެއް ވެސް އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ކަމަށެވެ.
ޝާހު ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ޒިންމާއަކީ ފެންޕަންޕުތައް ބެލެހެއްޓުން ކަމަށާއި، އެ ޒިންމާ މަތިކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ ދަށުން ކަމަށެވެ. މިހާރު ދިމާވަމުންދާ މައްސަލައަކީ ޕަންޕުތައް ނުބެލެހެއްޓުމުގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށާއި، ފެންހިނދުމުގައި ލަސްވެފައިވަނީ ޕަންޕުތަކަށް ނުކުޅުދާނަ މިންވަރަށް ފެންއެޅުމުން ކަމަށެވެ.
މީގެއިތުރުން، މާލޭގައި މީގެ އަހަރުތަކެއް ކުރިން ނަރުދަމާ އަޅާފައިވަނީ 50،000 މީހުންގެ އާބާދީ އަކަށް ކަމަށްވެފައި އެ އަދަދު ދެލައްކައިން މައްޗަށް ގޮސްފައިވާތީ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިހާރު ހުރި ޕަންޕުތައް އަޕްގްރޭޑް ކުރުމުން ލުޔެއް ލިބިގެންދާނެ ކަމަށާއި، އެފަދަ ހައްލު ބޭނުންވާ ކަންކަމާމެދު ޕްލޭނިންގ މިނިސްޓްރީއާއެކު މަޝްވަރާ ކުރެވެމުންދާކަމަށްވެސް ޝާހު ވިދާޅުވިއެވެ.