ރިޔާސީ އިންތިޚާބުގެ ރިޕޯޓް ސިއްރުކޮށްފައި އޮތުމަކީ ފުލުހުންގެ އިހުމާލު އޮތްކަން ހާމަވާ ކަމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލިކަމަށް ބުނާ މައްސަލައިގައި ފުލުހުން ކުރި ތަހުގީގަށް ފަހު ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓް ލީކުވުމުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިރިޕޯޓްގެ އިތުރަށް އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަަހްމަދު ޝަރީފް, ފުލުހުންނަށް ދިން ބަޔާން ވެސް ވަނީ ލީކުކޮށްލާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބް އޮޅުވާލުމުގައި ފުލުހުންގެ ބައިވެރިވުން ވަރަށް ބޮޑަށް އެބަ އޮތެވެ.

އަދާ ހަމައަށް އައިއިރު ސިއްރުކޮށްފައި އޮތުމަކީ ފުލުހުންގެ އިހުމާލު އޮތްކަން ހާމަވެގެން ދާ ކަމެއް،
އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބް އޮޅުވާލުމުގައި އަވަށްޓެރި އިންޑިއާގެ ދައުރުވެސް ހިމެނެއެވެ. އަދި އިންތިހާބު އޮޅުވާލުމުގައި އީސީގެ އޭރުގެ ރައީސް އަހުމަދު ޝަރީފްގެ ދައުރުވެސް ބޮޑުކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބުގެ ވޯޓު ކަރުދާސްތައް ނައްތާލި ނައްތާލުމުންވެސް އިންތިހާބުގެ ކަންތައްތަކުގައި އޮޅުވާލުންތަކެއް ގެންގުޅެފައި ހުރިކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކޮށް ތަހުގީގު ހިންގުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ޕީޕީއެމުން ޕްރެސް ކޮންފަރެންސް ބޭއްވި ފަހުން ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމުވެފައިވާ ރިޕޯޓަކީ ފުލުހުންގެ ސްޓޭމްޕާއި، ފޯމެޓް ނަކަލް ކޮށްގެން ހަދާފައިވާ އަސްލެއްނެތް ލިއުމެއް ކަމަށެވެ.