މި ސަރުކާރުގެ މިސްރާބަކީ ގައުމުގެ ބިމާ ކަނޑާ ވައިގެ ސަރަހައްދު ވިއްކާލުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ކޮންމެވެސް ދުވަހަކުން ގައުމަށް ހަމަޖެހުން އަންނަން ޖެހެނޭ ކަމަށާއި އަބަދު ކޮންމެވެސް ތަނަކުން ފުރާޅުން ޓިނު ނަގައި އަދި ފާރެއް ތަޅާލައި ނުވަތަ ދޮރުވައްޓާލުން ފަދަ ކަންކަމަކީ ތަހުޒީބުވަމުން އަންނަ އެންމެ ދަށުގައި ހުރި ގައުމުތަކުގައި ވެސް ކަންތައްތައްކުރާ އުސޫލެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.

ޕީއެންސީގެ ރައީސް ކުރެއްވި ޓްވިޓުގައި ވަނީ މި ސަރުކާރުގެ މިސްރާބަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލު(ޞޢވ)އަށް ހަޖޫ ޖަހައި ގައުމުގެ މިނިވަންކަން ނަގާލުން ކަމަށެވެ.

އަދި ގައުމު އަޅުވެތިކޮށް ގައުމުގެ ބިމާ ކަނޑާ ވައިގެ ސަރަހައްދު ވިއްކާލާ ދައުލަތުގެ ޚަޒާނާ ދަވާލުން ކަމަށްވެސް އޭނާ ކުރެއްވި ޓްވީޓުގައިވެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅު ސަރުކާރަށް ފާޑުވިދާޅުވެފަވާއިރު ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ، މި ވެރިކަމުގެ ކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ތަފާތުކުރުން ނެތި މިހާރު އޮތީ ހަމަޖެހުން ގާއިމްވެފައި ކަަމަށެވެ.

އެއާ އެކު ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށްދާ ކަމަށާއި ރައީސް ސޯލިހްގެ ވެރިކަމުގެ މިސްރާބަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް، މުއައްސަސާތަކަށް އަތްބާނައި ފުރާޅުން ޓިނު ނެގުން ފަދަ ހުތުރު ކަންކަން ކުރުން ނޫން ކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.