21 އަހަރު ފަހުން މިސް ޔުނިވާރސްގެ ތާޖު އިންޑިއާއިން ހޯދައިފިއެވެ.

މިފަހަރުގެ މިސް ޔުނިވާރސް ތާޖު ހޯދީ އިންޑިއާގެ ޗަންދީގަރަށް އުފަން އުމުރުން 21 އަހަރުގެ ހަރްނާޒް ކައުރު ސަންދޫއެވެ.

ހަރްނާޒަށް މިސް ޔުނިވާރސްގެ ތާޖު ހަވާލުކޮށްފައި ވަނީ ރޭ އިސްރާއީލުގެ އީލާޓްގައި ބޭއްވި ރީތީގެ ރާނީން ހޮވުމުގެ ރަސްމިއްޔާތުގައެވެ.

ރޭ ހަރްނާޒްއަށް މިސް ޔުނިވާރސްގެ ތާޖު ލިބިފައިވާއިރު މީގެކުރިންވެސް ދެފަހަރެއްގެ މަތިން އިންޑިއާއަށް ވަނީ މި ތާޖު ލިބިފައެވެ.

އެއީ ފިލްމް އިންޑަސްޓްރީގައި ތަފާތު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސުޝްމީތާ ސެން އާއި ލާރާ ދައްތާއެވެ.

ސުޝްމީތާއަށް 1994 ވަނަ އަހަރު މިސް ޔުނިވާރސް ތާޖު ލިބުނުއިރު ލާރާ މިސް ޔުނިރވާސްގެ ގޮތުގައި ހޮވުނީ 2000 ވަނަ އަހަރުއެވެ.

ފޮޓޯ: އީ ޓައިމްސް

ހަރްނާޒްއަށް މިއަހަރުގެ މިސް ޔުނިވަރސް ލިބުމާގުޅިގެން މިސް ޔުނިރވާސް އޯގަނައިޒޭޝަންގެ އިންސްޓަގްރާމަށް ވަނީ އޭނާގެ ފޮޓޯލައިފައެވެ.

ހަރްނާޒްގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅާފައިވަނީ މިދިޔަ އަހަރު މިސް ޔުނިވާރސްގެ މަގާމު ހޯދި މެކްސިކޯގެ އެންޑްރިއާ މެޒާއެވެ.

އިންޑިއާގެ ހަރްނާޒް ސަންދޫ އަށް 70 ވަނަ މިސް ޔުނިވާސްގެ ތާޖު ލިބިފައިވާއިރު މިމުބާރާތުގައި ދުނިޔޭގެ 79 ސަރަހައްދަކުން ބައިވެރިން ވާދަކުރިއެވެ.

ހަރްނާޒް އާއި އެންމެ ކައިރިން ވާދަކުރީ މިސް ޕެރަގުއޭ ނާޑިއާ ފެރެއިރާ އާއި މިސް ސައުތު އެފްރިކާ ލަލޭލާ މިސްވާނޭއެވެ.

ފޮޓޯ: އީ ޓައިމްސް

އުމުރުން 21 އަހަރުގެ މޮޑެލް ހަރްނާޒް މަތީ ތައުލީމް ހާސިލްކޮށްފައިވަނީ އޭނާގެ އުފަން ޗަންދިގަރް ސިޓީއިންނެވެ.

ހަރްނާޒް ވަނީ ޔާރާ ދިޔާން ޕޫ ބަރަން އާއި ބާއީ ޖީ ކުޓާންގޭ ފަދަ ޕަންޖާބީ ފިލްމުތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ.

ހަރްނާޒްއަކީ ޓައިމްސް ފްރެޝް ފޭސް މިސް ޗަންދީގަރް 2017، މިސް މެކްސް އިމާރޖިންގ ސްޓާރ އިންޑިއާ 2018 އަދި ފެމިނާ މިސް އިންޑިއާ ޕަންޖާބް 2019 ގެ ޗެމްޕިއަންކަން ހޯދާފައިވާ މީހެއްކަން ފާހަގަ ކުރެވެއެވެ.

ހަރްނާޒް މިސް ޔުނިވާރސްގެ ތާޖު ހޯދިއިރު މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ވަނީ މިސް ޑީވާގެ ތާޖުވެސް ހާސިލްކޮށްފައެވެ.

ފޮޓޯ: އީ ޓައިމްސް

ހަރްނާޒަށް މިލިބުނު ކާމިޔާބީއާއެކު މުޅި އިންޑިއާ އޭނާއަށް މަރުހަބާ ކިޔަމުންދާއިރު ލާރާ ވަނީ އިންޑިއާއަށް އެ ތާޖު ލިބޭނެ ދުވަހަކަށް އޭނާ ވަރަށް ދިގު އިންތިޒާރެއް ކޮށްފި ކަމަށާއި އަލުން އިންޑިއާއަށް އެ ތާޖު ހޯދައިދިނުމުން ވަރަށް ފަޚުރުވެރިވާކަމަށް ބުނެ ހަރްނާޒަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔާފައެވެ.

މިސް ޔުނިވާރސްއަށް ހޮވުނު ފަހުން ބޮލީވުޑަށް ނުކުމެ ކާމިޔާބު ކެރިއަރެއް ބިނާކުރުމަށްފަހު އޯޓީޓީ ޕްލެޓްފޯމު ތަކުންވެސް ބެލުންތެރިންގެ ހިތްތައް ފަތަޙަ ކުރަމުންދާ ސުޝްމީތާއާއި ލާރާ ފަދައިން ހަރްނާޒްވެސް ބޮލީވުޑަށް ނުކުމެދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.