ސްކޫލްތައް ފިޔަވާ، އުނގަންނައިދޭ އެހެނިހެން ތަންތަން ރަޖިސްޓްރީ ކުރުމަށް އަންގައިފިއެވެ.
"ސްކޫލް ފިޔަވާ ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓްރީކުރުމާ ހިންގުމުގެ ގަވާއިދު" ގެ ނަމުގައި އެކުލަވާލާފައިވާ ގަވާއިދަކީ ތަޢުލީމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.
ސްކޫލު ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދެއް އެކުލަވާލީ މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ތައުލީމީ ގާނޫނުގެ ދަށުންނެވެ.
މި ގަވާއިދުގެ ދަށުން ޓިއުޝަން ނަގައިދޭ ތަންތަނާއި ޕްރީ ސްކޫލުތަކާއި ގުރުއާން ކިޔަވައިދޭ ތަންތަނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުލާސްތައް ނަގައިދޭ ތަންތަނުގެ އިތުރުން ކުޑަކުދިންނަށް އެކި ކަހަލަ ތައުލީމުތައް އުގަންނައިދޭ ތަންތަން އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.
މި ޤަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ ތަންތަން:
1. ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން
2. ޕްރީ ސްކޫލާއި ޅަފަތުގެ ތަޢުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަން
3. ޓިއުޝަންދޭ ތަންތަންޤުރުއާން ކްލާސްތައް
4. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމާއި ތަމްރީންދޭ ތަންތަން
5. 18 އަހަރުން ދަށުގެ ކުދިންނަށް ދެވޭ ތަޢުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ އެހެނިހެން ތަންތަން
މީގެތެރޭގައި އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަންވެސް ހިމެނެއެވެ.
އަލަށް އާއްމުކުރި ގަވާއިދުގައި ބުނާގޮތުން މި ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރާއިރު، މިނިސްޓްރީން ކަނޑައަޅާ ވަކި މިންގަނޑުތަކަކަށް ބަލާނެއެވެ. އެގޮތުން ކިޔަވައިދޭ ތަންތަނުގައި ކިޔަވައިދޭ ޕްރޮގްރާމްތަކާއި މިންގަނޑުތަކަށްވެސް ބަލާނެއެވެ.
މީގެއިތުރުން ސްކޫލް ފިޔަވާ ކުޑަކުދިންނަށް ކިޔަވައިދޭ އިތުރު ތަންތަނުގެ މަސްއޫލުވެރިންގެ ހުންނަން ޖެހޭ ޝަރުތުތަކާއި އަދާކުރަން ޖެހޭ ޒިންމާތަކާއި އަދި ކިޔަވައިދޭ އިމާރާތުގައި ފުރިހަމަވާން ޖެހޭނެ ކަންކަންވެސް ގަވައިދުގައި ހިމަނާފައިވެއެވެ.
މި ގަވާއިދު ގެޒެޓްކޮށް، ހިދުމަތްދޭ ތަންތަނުން މިގަވާއިދަށް އަމަލުކުރަމުން ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީއިން މިހާރުވަނީ އަންގާފައެވެ. އަދި ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ތަންތަން ދެ މަސްދުވަގެ ތެރޭގައި، މި ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ކުރުމަށްވެސް ވަނީ އަންގާފައެވެ.
މިހާރުވެސް ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ތަންތަން، ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް 20 ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.
ގަވާއިދުގައިވާ ގޮތަށް ރަޖިސްޓްރިކުރުމާއި ނުލާ ހިންގާ ތަންތަނާމެދު ފިޔަވަޅުއަޅާ، އެފަދަ ތަންތަން ވަގުތުން ބަންދުކުރުމަށް އެންގުމާ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމުގެ ބާރު މި ގަވާއިދުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބެއެވެ.
މަތީ ތައުލީމާ ތަމްރީންދޭ މަރުކަޒުތައްވެސް ރަޖިސްޓްރީކުރުގެ ގަވާއިދުވެސް މިމަހުގު 6 ވަނަ ދުވަހު އާއްމުކޮށް، އެއަށް އަމަލުކުރަންވަނީ ފަށާފައެވެ.
މަތީ ތައުލީމުގެ ގާނޫނުގެ ދަށުން ކޮލެޖުތަކާއި މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދެއް ހަދައި، އެތަންތަން ވެސް އަލުން ރަޖިސްޓްރީ ކުރަން މިދިޔަ ހަފްތާގައި ވަނީ އަންގާފައެވެ.