ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވި އާންމުންގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ އެކްޓަރ މޫސާ މަނިކު (ރީކޯ މޫސަ) ވީޑިއޯ ލަވައެއް ކުޅެން ބޭނުންވާ ކަމަށް ބުނެފިއެވެ.

މޫސަ މިކަން ހާމަކުރީ ކްލަބްހައުސް މެދުވެރިކޮށް، ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ.

ރައްޔިތުންގެ މަޖުލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ މޫސަ އެ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ އެހުންތެރިއެއްގެ ހައިސިއްޔަޔުންނެވެ.

ވަރަށް އާދައިގެ ގޮތެއްގައި ސަމާސާ ރާގެއްގައި ވާހަކަ ދައްކަމުން މޫސަ ބުނީ މިހާރުވެސް އޭނާ ހުރީ ލަވައެއް ކުޅޭހިތުން ހަދާނެ އެއްޗެއް ނޭނގިފައި ކަމަށެވެ.

ކްލަބްހައުސްގައި ކުރިއަށްދާ އެޝޯވއަކީ ރާއްޖެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި 90 ގެ އަހަރުތަކުގައި އެކި ދާއިރާތަކުގައި މަސައްކަތްކުރި ފަންނާނުންވެސް ބައިވެރިވާ ޝޯއެކެވެ.

ޝޯގެ ތެރެއިން ޅެންވެރިކަމުގެ ދާއިރާގެ އިތުރުން ފިލްމް ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްފައިވާ އީސާ ޝަރީފާއި މޫސަ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއާއި ގުޅޭ ތަފާތު ގިނަ ވާހަކަތައް ދައްކާފައެވެ.

އެ ޝޯގެ ތެރެއިން ބައިވެރިއަކު މޫސަމެން ދެން ފިލްމެއް އެއްޗެއްވެސް ކުޅެން އުޅޭނީކީ ނޫންކަމަށް ބުނުމުން މޫސަ ބުނީ އޭނަ ކައިރީ ކުޅެން ނުބުނާ ކަމަށެވެ. އަދި މިހާރުވެސް ލަވަ ކުޅޭހިތުން ހުރެވެނީކީ ނޫންކަމަށްވެސް ބުނެއެވެ.

"”އާނ މަގޭ ކައިރިއަކު ނުބުނޭ ކުޅޭކަށް. މަ ލައްވާ ފިލްމު ކުޅުވި މީހަ ތިހިރީނު އީސަ މަ މިހާރުވެސް މިހުންނަނީ ލަވަ ކުޅޭ ހިތުން ހަނދާނެ އެއްވެސް ނޭނގިފަ"
ރީކޯ މޫސާ މަނިކު

އަދި ޕްރޮގްރާމްގެ ހޯސްޓް ފުރުސަތެއް ލިބިއްޖިއްޔާ ލަވަ ކުޅޭނަންތޯ އެހުމުން މޫސަ ބުނީ އަމިއްލައަށް ފުރުސަތު ހޯދައިގެން ވެސް ކުޅެން ބޭނުންވާ ކަމަށެވެ.

"އާން ފުރުސަތު އަނެއްހެން ލިބިފައެއްވެސް ނޫން. ފުރުސަތު އަމިއްލައަށް ހޯދައިގެންވެސް ކުޅޭގޮތަށް މިހުރީ. ލިބިއްޖެއްޔާއެއް ނޫން. ދޭން ޖެހޭނެ."
ރީކޯ މޫސާ މަނިކު

މޫސަ ބުނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝަހުބާން އަޑުން ކިޔާފައިވާ "ރީތި ނަލަ ނަލަ ހަނދެއް ކުރީ އަލީގާ" އެލަވަ މޫސަމެން ކުރިން ކުޅެފައިވާ ފިލްމް "ހަތަރު އުދަރެސް" ގައި ހިމެނޭ ކަހަލަ ރީތި ސްކްރިޕްޓަކަށް ލަވަ ހަދައިފި ކަމުގައި ވަނީނަމަ އެ ލަވަ ކުޅޭނެ ކަމަށެވެ.

އަދި އެލަވައަކީ ވަރަށް އިޝްގީ ލަވައަކަށްވުމުން ކުރިން އެލަވަ ކުޅެފައިވާ ވަރަށް ވުރެ ފުރިހަމައަށް އަދި އެއަށްވުރެ "އިޝްގީ" ކޮށް އެލަވަ އަލުން ކުޅެވޭނެ ކަމަށެވެ.

މޫސަގެ އެ ކޮންސެޕްޓް ޚިޔާލަށް ގެނެސް މިހާރު މޫސަގެ ހުރި ފީޗަރސްގައި ލަވަ ކިޔާތަން ދައްކާފަ މާޒީއަށް މޫސަ ޅަކޮށްލާފަ ލަވަ ހަދާލުން އެއީ ވަރަށް ސަޅި ޚިޔާލެއް ކަމަށާއި ވަރަށް ފުރިހަމަވާނެ ކަމަށް އީސާ ޝަރީފު ބުންޏެވެ.

އަދި މިކަމަށް ހިނިގަނޑެއް ޖަހާލަމުން މޫސަ ބުނީ ދެން މޭކަޕްކުރި ކުރީނުން މޫނުގައި ބިހިތައް ނަގަން ފަށާނެ ކަމަށެވެ.

މޫސަ ބުނީ އޭނަ މީހުންނަށް އެނގުނީ ފިލްމީ ދާއިރާގައި މަސައްކަތް ކޮށްގެން ކަމަށާއި ސިޔާސީ ދާއިރާ އެއީ މުޅިން އެހެން ކަމެއް ކަމަށެވެ.

ފިލްމީ ދާއިރާއާ ދުރު ނުވެވޭ ކަމަށްވެސް މޫސަ ބުނިއެވެ. ލަވައިގެ އަސްލު ނުގެއްލޭ ގޮތަށް ރީތިކޮށް ލަވަ ހަދާލުން އެއީ މޫސަ ވަރަށް އެދޭ ކަމެއްގެ ގޮތުގައިވެސް ފާހަގަކުރިއެވެ.

މޫސަގެ މިވާހަކައަށް އިޝާރާތްކޮށް، ރިސޯޓަށް ގޮސް ލަވަކުޅެވޭ ކަހަލަ ގޮތެއްވޭތޯ ވަރަށް މަސައްކަތް ކުރާނެ ކަމުގައި އީސާ ޝަރީފު ބުންޏެވެ.

މިއީ އަނެއްކާވެސް މޫސަ މުނިފޫހިފިލުވުމުގެ ދާއިރާއިން ފެނުމުގެ މަލަމަތި ބާވައެވެ.

އެހެން ކަމުގައި ވަނީނަމަ ހަމަޔަގީނުންވެސް މިއީ މޫސަ ކެމެރާގެ ކުރިމަތިން ފެންނަން ބޭނުންވެފައިވާ މޫސަގެ ފޭނުންނަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.