ތައިލޭންޑްގަ ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ ގުޅިގެން އަނެއްކާވެސް އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއަރުސީ)ގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.
ތޮއްޔިބް މިހެން ވިދާޅުވީ ދިވެހިރާއްޖެއާއި ތައިލޭންޑް ދެމެދު ފްލައިޓްތައް އަލުން ފެށުމާ ގުޅިގެން ބޭއްވި ހާއްސަ ވާޗުއަލް އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި އިވެންޓުގައި ވާހަކަ ދައްކަވަމުން ތޮއްޔިބް ވިދާޅުވީ ތައިލޭންޑްގަ ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ ގުޅިގެންއަނެއްކާވެސް އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އަދި ތައިލޭންޑްގެ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.
މިމަހުގެ ނުވަނަ ދުވަހު ބޭއްވި މި އިވެންޓްގައި ވިޒިޓް މޯލްޑިވްސް އިން ދިވެހިރާއްޖޭގަ އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކުގެ މައުލޫމާތު މިހަފްލާގައި ބައިވެރިވި ފަރާތްތަކާ ހިއްސާކުރުމަށް ފުރުސަތުލިބުނު ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.
މީގެ އިތުރުން ފްލައިޓް ކަނެކްޓިވިޓީއާއި ޓިކެޓް ޕްރޮމޯޝަނާ ބެހޭ މައުލޫމާތުވެސް ހިއްސާކޮށްފަވާއިރު ތޮއްޔިބް ވަނި މި އިވެންޓްގައި ދިވެހިރާއްޖެ އާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އަދި ދެކުނު އިރުމަތީ އޭޝިއާގައި އެމްއެމްޕީއާރުސީގެ ފަރާތުން ރާއްޖެ ތަމްސީލްކުރާ ޕީއާރު ކުންފުނި، ޕެސިފިކް ވޯލްޑް ޓްރެވެލްގެ ފަރާތުން ވަނީ ދިވެހިރާއްޖެއާ ބެހޭ ޕްރެސެންޓޭޝަނެއް ތައި ބަހުން ވަނީ ދީފައެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި މިންވަރު އިތުރުވެފަވާއިރު މިސަރަހައްދުން އިތުރު ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރަން ފެށުމާއެކު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން އުއްމީދުކުރެވެއެވެ.
2019 ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާއިން 87,636 އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެ އިން ވަނީ މަރުހަބާވެސް ކިޔާފައެވެ.
ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތަކާއެކު ވެސް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ރާއްޖެ ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގައި އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ބޯޑަރުތައް އަލުން ހުޅުވުމާއެކު ރާއްޖެއަކީ މިސަރަހައްދުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ޝައުގުވެރިވާ މަންޒިލަށް ހެދުމަށްޓަކައި ތަފާތު މާކެޓިން ހަރަކާތްތަކެއް ދަނީ ހިންގަމުން ކަން އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ.