ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ބޭނުންވާ ކަމަށާއި، މަގުތަކަށް ޖަމާވާ ފެން ބިމުގެ އަޑީގައި ރައްކާ ކުރާނެ "ސްޓޯމް ވޯޓާ ސްޓޯރޭޖް ޓޭންކް" ތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ފެންބޮޑުވުމުގެ މައްސަލައާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ވޯލްޑް ބޭންކްގެ ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ހަމަޖެހިފައިވާ 16.5 މިލިއަން ޑޮލަރުގެ " މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް" (އެމް.ޔޫ.ޑީ.އާރު.ޕީ) ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މަގުތަކަށް ޖަމާވާފެން ބިމު އަޑީގައި ރައްކާކުރާނެ ސްޓޯމްވޯޓަރ ސްޓޯރޭޖް ޓޭންކްތަކުގެ ސަބަބުން މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވި، ރައްކާކުރެވޭ ފެން އެހެން ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތު ފަހިވާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރ މަރުހަލާގައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން، މިނިސްޓްރީން ބުނީ މާލޭގައި އިތުރުވަމުންދާ އިމާރާތްތަކުގެ ދިޔަދޮވިތަކުން މަގުމައްޗަށް ފެން ބޭރުކުރާ ގޮތަށް ފަރުމާކޮށްފައި ހުރުމުގެ ސަބަބުން ވިއްސާރަ ދުވަސްވަރު މަގުތަކުގައި ބޮޑުވާ ފެންގަނޑު ހިންދުމަށް ބޭނުންވާ ކެޕޭސިޓީ އަބަދުވެސް އިތުރުކުރަން ޖެހޭކަމަށެވެ. އަދި ހަމައެހެންމެ މޫސުމީ ބަދަލުގެ ސަބަބުން ވިއްސާރަ ދުވަސްވަރު ވާރޭވެހޭ ވަރު އިތުރުވުމުން މާލޭގެ މަގުތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ ފެން ޖަމާވެ، ފެން ހިންދާ ނިޒާމުތަކަށް ނުކަތާ ހާލަތަށް ދާ ކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަދި، މިހާރު ބޭނުންކުރަމުން އަންނަ ފެން ހިންދުމުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރާ ނަމަ އެކަން ކުރަން ވާނީ ދިރާސާކޮށް ބެލުމަށް ފަހު ދެމެހެއްޓެނިވި ގޮތަކަށްކަމަށާއި، އެހެންކަމުން އެމްޑަބްލިއުއެސްސީން ބަލަހައްޓަމުން ގެންދާ ފެން ހިންދާ ނިޒާމުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މި ވަގުތު އިތުރު މަސައްކަކަތެއް ނުކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.