މިއަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވާ ހިސާބަށް ދެވުނީ ޝަރީއަތަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ވަރުގަދަ ކަމުންނާއި، ފުލުހުން ކުރި ތަހުގީގު ހަރުދަނާ ވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

މަންދޫބު އައްބާސް ފާއިޒް ވިދާޅުވީ، ބޮމުގެ ހަމަލާ ދިން އެކަކު ހުކުމާއި ހަމައަށް ގެންދެވުނަސް، އެމައްސަލައިގެ ތަހުގީގު އަދިވެސް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

ޓްވިޓާގައި އައްބާސް ލިޔުއްވާފައިވަނީ މޭ ހައެއްގައި ދިން ނިރުބަވެރި ހަމަލާގެ ތަހުގީގު އިތުރަށް ފުޅާކޮށް އެހަމަލާ ދިނުމުގައި ބައިވެރިވި އިތުރު ބައިވެރިންގެ ލިންކްއާއި، ފަންޑު ކުރެވުނު ގޮތުގެ ލިންކްތައް ހޯދަން ޖެހޭނެ ކަމަށެވެ.

ހަމަލާގައި ބޮން ގޮއްވާލި އަދުހަމަށް ހުކުމް އިއްވީ 22 އަހަރާއި 4 މަހާއި 23 ދުވަހު ޖަލަށްލުމަށެވެ.

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އަދުހަމަށް ވަނީ ފަހުބަސް ބުނަން ފުރުސަތު ދީފައެވެ. އެފުރުސަތުގައި އޭނާ ވަނީ އޭނާ ކުރި ކުށަށް މައާފަށް އެދިފައެވެ.

އަދުހަމް ބުނެފައިވަނީ މެއިމަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމަކީ އޭނާ ކުރި ކުށެއްކަން ގަބޫލުކުރާ ކަމަށާއި އެފަދަ އަމަލެއް ހިންގުނީ ދީނީގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލީ މައިގަނޑު ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އަދުހަމް ދައުވާތަކަށް އިއުތިރާފް ވެފައިވާއިރު އަދި އަދުހަމްގެ މައްޗަށް މިދައުވާތައް ސާބިތުވެފައިވާއިރު، އިއުތިރާފްގެ އެއްބަސްވުމެއް ހެދިފައި ނުވާ ނަމަ އޭނަގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެހެންނަމަވެސް، އިއުތިރާފްގެ އެއްބަސްވުމެއް ހެދިފައިއޮތުމުން ހުކުމް އިއްވީ 23 އަހަރަށެވެ.

އަދުހަމްގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހުމަދުއާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށް ދައުވާ ކުރަން ވެސް ޕީޖީން ނިންމާފައިވެއެވެ.