ފަސްކޮށްފައިވާ ޕްރޮގްރެސިވް ކޯލިޝަން އޮފް ދަ މޯލްޑިވްސް ޕީޕީއެމްގެ ސައިކަލު ބުރު މާދަމާ ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމް ޔޫތު ވިންގުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ސައިކަލު ބުރުގެ މައުލޫމާތު ދެއްވަމުން ހުސައިން ނާއިސް ވިދާޅުވީ، މޫސުން ގޯސްވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ކެންސަލްކުރި ސައިކަލު ބުރު މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ސައިކަލު ބުރު ފަށާނީ މާދަމާ ހަވީރު 3:45 ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ.
މި ސައިކަލު ބުރު އިންތިޒާމްކުރަނީ ފައި މަގުގައި ވެސް ބައިވެރިވެވޭނެ ގޮތަށް ކަމަށް ޕީޕީއެމް ޔޫތުން މަޢުލޫމާތު ދެއެވެ.
އިދިކޮޅު ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން މާދަމާ ބޭއްވުމަށް ނިންމި މި ސައިކަލު ބުރަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމަށާއި، ދިވެހި ޒުވާނުން ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ ސިފައިން ތިބުމާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ހަރަކާތެއް ކަމަށް ޒުވާނުންގެ ގޮފިން ބުނެއެވެ.
އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ މި ދިޔަ ނޮވެމްބަރު މަހު ވެސް އެެ ކޯލިޝަނުން ސައިކަލު ބުރެއް ބާއްވާފައި ވެއެވެ. ހުޅުމާލޭގައި ބޭއްވި މި ސައިކަލު ބުރުގައި އިދިކޮޅު ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ސައިކަލު ބުރު ކުރިއަށްދާ ވަގުތު ޒުވާނުންނަށް ހިތްވަރުދެއްވުމުގެ ގޮތުން ސައިކަލު ބުރުގެ ބައިވެރިންނަށް އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދި ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމިން މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވާނެއެވެ.