ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލިޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކ.އަތޮޅުގެ ބައެއް ރަށްތަކަށް މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅާ ގުޅޭގޮތުން ވީނިއުސްއާ ވާހަކަ ދައްކަވަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މާދަމާގެ ވަގުތެއްގައި ރައީސް ޔާމިން ކ. ގުރައިދޫ އަދި ތުލުސްދޫއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގުރައިދޫއަށް ކަމަށާއި އަދި ގުރައިދޫ ކައިރި ރަށްރަށުން އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް އެ ރަށަށްދާ ސަޕޯޓަރުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ތުލުސްދޫއަށް ޔާމީން ވަޑައިގަންނަވާނީ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
އެމަނިކުފާނުގެ މި ދަތުރުގެ މަގްސަދަކީ"އިންޑިއާ އައުޓް" މި ކެމްޕެއިނަށް އާންމު ރައްޔިތުންގެ ތާއިދު ހޯދުމާއި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުން ކަމަށް ކޯލިޝަނުން ބުނެއެވެ.
އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތާ ގުޅިގެން ސަރުކާރުގެ ފާޑުކިޔުން އަމާޒުވެފަވާއިރު "އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެމްޑީޕީގެ މެމްބަރުން ދެކެއެވެ.