މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްގެ މައްޗަށް ދަރަންޏެއް ސާބިތުވެ، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސް ކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ނަރީޝްގެ މައްޗަށް ސާބިތުވީ ކުލީގެ ގޮތުގައި އޭނާ ދައްކަންޖެހޭ 35،365 ރުފިޔާގެ ދަރަންޏެކެވެ. ސާބިތުވި މި ދައުވާއަކީ އަބްދުއްރަހްމާން އިދުރީސް ކިޔާ މީހެއްގެ އަތުން ނަރީޝް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނެގުމަށްފަހު އެތަނަށް ފައިސާ ނުދައްކައިގެން ކޮށްފައިވާ ދައުވާ އެކެވެ.

ދައުވާ ކޮށްފައި ވަނީ އެތަނުގެ ކުލިން ނުލިބި ހުރި ފައިސާ އާއި އަދި ކަރަންޓާއި ފެންބިލަށް ނުދައްކާ އޮތް 98،865 ރުފިޔާ ހޯދުމަށެވެ.

މި މައްސަލައިގައި ނަރީޝް ފުރަތަމަ ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އަދި ދައުވާ ކުރާ ފަރާތަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ކޯޓުގައި އޭނާ ވިދާޅުވެފައިވެއެވެ.

އެކަމަކު މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އޭނާއަށް ދޭން ޖެހޭނީ 35،365 ރުފިޔާ ކަމަށް ވިދާޅުވެ، އެ ފައިސާ ދެއްކުމަށް 6 މަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް ނަރީޝް ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ނަރީޝް އާއި އެޕާޓްމަންޓް ކުއްޔަށް ދޫކުރި މީހާއާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ދައްކަން ޖެހޭ ފައިސާ ހުރިކަން އެނގެން އެބައޮތް ކަމަށެވެ.

އެކަމަކު މައްސަލަ ކޯޓުގައި ހިނގަނިކޮށް ނަރީޝްގެ ފަރާތުން މި އަހަރުގެ އޭޕްރީލް މަހު އެޕާޓްމަންޓް ކުއްޔަށް ދިން މީހާގެ އެކައުންޓަށް 35،000ރ. ފޮނުވާފައިވާކަން އެނގެން އޮތް ކަމަށެވެ.

އަދި ޑިޕޮޒިޓް ފައިސާގެ ގޮތުގައި މީގެ ކުރިން ނަރީޝް ދައްކާފައިވާ 28،000 ރުފިޔާ ވެސް އެމީހާ އަތުގައި ހުރި ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން އެ ހުރިހާ ފައިސާއެއް ކެނޑުމުން ބާކީ ދައްކަން ޖެހޭނީ 35،365 ރުފިޔާ އެވެ.