އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން މަގާމުން ވަކިކުރުމަށްޓަކައި ދައުރުން ބޭރުން ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ހާޒިރު ނުވާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މަޖިލީހުގެ މިދަރުރުގެ މަސައްކަތްތައް ނިންމާ ޗުއްޓީއަށް ގޮއްސައިވާއިރު، އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލައިގައި ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމާފައި ވަނީ ޕާލަމެންޓްގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕުން އެގޮތަށް ނިންމައިގެންނެވެ.

މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ ހަމައެކަނި މައްސަލަ އަކީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތްފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ނިންމުން ރިޔާސަތުން އިއުލާން ކުރުން އެކަނިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން އޭސީސީގެ މެމްބަރުން ވަކިކުރަން އުޅުމަކީ މިނިވަން މުއައްސަސާތަކަށް އަރައިގަތުން ކަމަށާއި، މިކަމަކީ މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި، އެ އަމަލަކީ އޭސީސީ ފަދަ ތަހްގީގީ އިދާރާތައަކަށް މިހާރަށް ވުރެވެސް ބޮޑަށް ނުފޫޒް ފޯރުވުމަށް ހިންގާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މިއީ ސަރުކާރުން ހިންގާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާ އިދިކޮޅުން ބުނެފައިވަނީ، ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މަޖިލީހުގައި އިދިކޮޅު ތަމްސީލްކުރާ މައިނޯރިޓީއާއި މަޝްވަރާ ކުރުމެއްވެސް ނެތި ކަމަށެވެ. އަދި، މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން އެފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ޚިލާފް ކަމެއް ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން، އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަކީ އެ މުއައްސަސާގެ ބާރު ކަނޑުވާލައި، ޑިމޮކްރެޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް އިހްތިރާމެއް ނުކުރާކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އޭސީސީގެ ހުރިހާ މެމްބަރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީސް ޗުއްޓީގައި ވަނިކޮށް ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

އޭސީސީގެ މަސައްކަތްތައް ލަސްވުމާއި ގުޅިގެން، އެތައް ފަހަރެއްގެ މަތީން އެކޮމިޝަންގެ މެމްބަރުން ހާޒިރުކުރުމަށްފަހު، މެމްބަރުން މަގާމުން ވަކިކުރުމަށް ކޮމެޓީން ނިންމާފައިވަނީ ލިބުނު މައުލޫމާތުގެ މައްޗަށް ބަލައި ޕާފޯމަންސް އޮޑިޓަށް ފަހުގައެވެ.