ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން، ކޯޓު އަމުރެއް ނެތި 48 ގަޑިއިރަށް ބަންދުކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ކަނޑައަޅައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތަސްދީގު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ޖުމްލަ 51 މެމްބަރުންގެ ވޯޓާއެކު ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ޓެރަރިޒަމްގެ ތުހުމަތަށް ތަހުގީގު ކުރުމަށް ފަހު، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވުނަސް، އެ ތަހުގީގު އަލުން ކުރެވޭނެ ހާލަތްތަކެއް މި ބިލުގައި ހިމަނާފައިވެއެވެ.
ގާނޫނަށް ގެނައި ބަދަލުތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު، އޭގެތެރޭގައި ޓެރަރިޒަމްގެ ކުށެއް ކޮށްފި ހިނދެއްގައި، އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެއް، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރާއި، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތައްވެސް ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު މި އިސްލާހުގެ ދަށުން ފުލުހުންނަށް މިހާރު ލިބިގެންވެއެވެ. އަދި، މި ހާލަތުގެ ދަށުން ހައްޔަރުކުރެވޭ މީހަކު ކޯޓު އަމުރަކާއި ނުލައި 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެއެވެ.
އަދި، ހައްޔަރުކުރި މީހަކު ހައްޔަރުކުރީ އޭނާގެ އަމިއްލަ ތަނެއްގައި ހުއްޓާނަމަ އެތަން ބަލައި ފާސްކުރުމުގެ ބާރުވެސް ފުލުހުންނަށް ލިބެއެވެ. ނަމަވެސް، އެފަދައިން ބަލައި ފާސްކުރުން 6 ގަޑިއިރަށް ވުރެ އިތުރުވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ޓެރަރިޒަމް ގާނޫނުގެ 1-28 އަށް އިތުރުކުރި އަކުރުތަކުގެ ތެރެއިން (ކ) ގައި ބަޔާންކޮށްފައިވާގޮތުގައި ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގު ކުރަން ގާނޫނުގައި މިހާރު އޮތް މުހުލަތު ހަމަވާއިރު، ތަހުގީގު ނިންމައި ދައުވާކުރަން ނުފޮނުވޭ ނަމަ އެ މުއްދަތު އިތުރުކުރަން ޕީޖީ އޮފީހަށް ހުށަހެޅޭނެއެވެ. އެފަދައިން ހުށަހެޅުމުން 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް އިތުރުކޮށްދިނުމުގެ އިހުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިގެންވެއެވެ.
އަދި، 28-1 އަށް އިތުރުކުރި (އ) ގައިވާ ގޮތުން މުއްދަތު އިތުރުކޮށްދޭ ހާލަތުގައިވެސް އެ މާއްދާގެ (ޅ) ގައިވާ 15 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި މުއްދަތު އިތުރުކުރި ސަބަބު ބަޔާންކުރާ ލިޔުމެއް، ދައުވާއާ އެކު ކޯޓަށް ހުށަހެޅުމުގެ އިޖުރާއަތުތައް ހިނގާނެއެވެ.
މި ގާނޫނަށް އިތުރުކުރި (ކ) ގައިވާ ގޮތަށް ކުރާ ތަހުގީގު ހިންގައި، އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެ ނަމަ އަލުން ދައުވާ ކުރެވޭނީ (މ) ގައިވާ ގޮތަށް އާ ހެއްކެއް ލިބިއްޖެ ހާލަތެއްގައި އެކަންޏެވެ.
ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް މީގެކުރިން 45 ދުވަސް ދީފައިވީނަމަވެސް، މި އިސްލާހުގެ ދަށުން އެފަދަ މައްސަލަތައް ތަހުގީގުކުރުމުގެ މުއްދަތު 3 މަސްދުވަހަށް ވަނީ އިތުރުކޮށްފައެވެ.
މި އިސްލާހަށް އަމަލުކުރާތާ 1 މަސް ދުވަހުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފަށަން ޖެހޭއިރު، އެ މުއްދަތުގެ ތެރޭގައި ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީއެއް ވެސް ހޯމް މިނިސްޓަރު އެކުލަވާލަންޖެހެއެވެ.
މި އިސްލާހާ އެކު ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ލިބި، އެ ފަރާތްތަކަށް ލިބިދޭ ބައެއް ބާރުތަކުގެ ދާއިރާ އަލުން ކަނޑައެޅިފައި ވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.