އިންޑިއަން އެއަރފޯސްގެ ހެލިކޮޕްޓަރެއް ވެއްޓި، ސިފައިންގެ ވެރިޔާ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް ބިޕިން ރާވަޓް އަވަހާރަވި ހާދިސާގައި، ހެލިކޮޕްޓަރުން ދަތުރުކުރި މީހުންގެ ތެރެއިން މަރުނުވެ ސަލާމަތްވި ހަމައެކަނި މީހާ މަރުވެއްޖެއެވެ.
މިދިޔަ ހަފްތާގެ ބުދަދުވަހު ހެލިކޮޕްޓަރު ވެއްޓުނުއިރު އޭގައި 14 މީހުން ތިއްބެވެ.
މިހާދިސާގައި ސިފައިންގެ ވެރިޔާ ރާވަޓްއާއި އޭނާގެ އަނބިކަނބަލުންނާއި، ސިފައިންގެ އިސް ވެރިން ހިމެނޭގޮތުން 13 ބޭފުޅުން އަވަހާރަވިއެވެ.
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގެ ވަގުތުގައި މަރުނުވެ ސަލާމަތްވީ ގްރޫޕް ކެޕްޓަން ވަރުން ސިންގެވެ.
ނަމަވެސް، ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް އޭނާ މަރުވީ މިއަދުއެވެ. އޭނާ މަރުވީ ލައިފް ސަޕޯޓްގައި ބާއްވައިގެން ފަރުވާދެމުން ގެންދަނިކޮށެވެ.
ހެލިކޮޕްޓަރު ވެއްޓުނީ އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ ކޫނޫރް ޓައުންގައި ހުންނަ ޑިފެންސް ސަރވިސަސް ކޮލެޖަށް، ސިފައިންގެ ވެރިޔާ ބިޕިން ރާވަޓްއާއި އޭނާގެ އަނބިކަނބަލުންނާއި ސިފައިންގެ އިސްވެރިން ގޮވައިގެން ދަތުރުކުރަނިކޮށެވެ.
ހެލިކޮޕްޓަރު ވެއްޓި ބިންމަތީގައި ޖެހުމާއެކު ފުނޑުފުނޑުވެ އަލިފާންރޯވެ ވަނީ އަނދާފައެވެ.
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއިން މަރުނުވެ ސަލާމަތްވި ގްރޫޕް ކެޕްޓަން ވަރުން ސިންގް މަރުވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ އެކަމާ ހިތާމަ ފާޅުކުރައްވައި، ކެޕްޓަންގެ ވަރުންގެ ގައުމީ ޚިދުމަތްތަކަށް ތައުރީފްކުރައްވައި ޓްވީޓްކުރައްވާފައެވެ. އަދި އާއިލާއަށް ތައުޒިޔާ ފޮނުއްވާފައި ވެއެވެ.
އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގުވެސް، ކެޕްޓަން ވަރުންގެ ޚިދުމަތްތައް ފާހަގަކުރައްވައި، އާއިލާއަށް ތައުޒިޔާ ފޮނުއްވާފައި ވެއެވެ.
ހެލިކޮޕްޓަރު ވެއްޓުނު ސަބަބު ދެނެގަތުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ތަހްގީގު ފަށާފައިވާއިރު، ވެއްޓުނު ހެލިކޮޕްޓަރަކީ ރަޝިޔާއިން ޑިޒައިންކޮށްފައިވާ އެމްއައި-17 މަރުކާގެ ޗޮޕަރ ހެލިކޮޕްޓަރެކެވެ.
ހެލިކޮޕްޓަރު ވެއްޓުނުއިރު، އެ ސަރަހައްދުގައި ވަރަށް ބޯކޮށް ދުންފިނި ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ، ފަރުބަދަތައްވެސް ހިމެނޭ ބޯ ޖަންގަލީގެ ސަރަހައްދެކެވެ.