ކުރިއަށް އޮތް ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމް އަދި ގުރުއާން ފޮތްތަކުން ގުރުއާންގެ އާޔަތްތައް އުނިކުރަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް އަންގާފައިވާނެ ކަމަށާއި، ނަމަވެސް ނިންމުން ބަދަލުކޮށް އެގޮތަށް އަމަލު ނުކުރުމަށް އަންގާފައި ވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކުރިއަށް އޮތް ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމް އަދި ގުރުއާން ފޮތްތަކުން ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަނުން އަންގާފައި ނުވާނެކަމަށް ކުރިން ބުނި ނަމަވެސް، އާޔަތްތައް އުނިކުރަން ބުނެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެންއައިއީއަށް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެއް ރޭ ވަނީ މީސްމީޑިއާއަށް އާންމުވެފައެވެ.

އެ ސިޓީގައި ބުނެފައިވަނީ، ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހު ކުުރުމުގެ މަސައްކަތް ކުރާއިރު ގުރޭޑް އަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކޮށް، އާޔަތް ލިޔުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަމްބަރު ލިޔައި ޚަތިމަށް ރިފަރެންސް ދޭގޮތަށް ހަމަޖައްސަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގައި އެދިފައި ވެއެވެ.

މިމައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަލަށް ޗާޕުކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕުތަކުގައި ގުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، އެކަން ހައްލުކުރުމަށް ގުރުއާނުގެ އާޔަތްތަކުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް މަޝްވަރާ ކުރެވިފައިވާނެ ކަމަށާއި، އެގޮތުގެމަތީން އެންއައިއީއަށް ސިޓިއެއް ފޮނުވާފައިވާނެ ކަމަށެވެ

ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫންކަމަށް ވިސްނި، އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ބެލުމަކީ ދަތިކަމެއްކަމަށް ވާނެތީ އެގޮތަށް އަމަލުނުކުރުމަށް ޖެހިގެން އައިދުވަހު އެންއައިއީއަށް އަންގާފައިވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެގޮތަށް މަޝްވަރާ ކުރެވުނީ، ގުރުއާން ލިޔާއިރުޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތް ހެދުމަށާއި، ފޮތްތައް ނައްތާލާއިރު، ގުރުއާނުގެ އާޔަތްތަކަށް އިހާނެތިކޮށް އަމަލުކުރެވޭކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ ކަމަށެވެ.

އެއީ އެއްވެސް ހާލެއްގައި ދަރިވަރުން ގުރުއާނަށްދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތުގައި ކުރެވުނު މަޝްވަރާއެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިޚަބަރާ ގުޅިގެން ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަސްކަމަށްޓަކައި ނިހާޔަތަށް މާފަށް އެދޭކަމަށާއި އެޑިއުކޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް ދީނީ ލޯބި އަށަގެންނެވުމަށް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

ދަރިވަރުންގެ ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން އުޅޭކަމުގެ ވާހަކަ ދެކެވެން ފެށުމުން މިނިސްޓްރީން ވަނީ އެފަދަ ނިންމުމެއް ނިންމާފައި ނުވާނެ ކަމަށްބުނެ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މިނިސްޓްރީން ނިންމާފައިވަނީ ފޮތްތަކުން ފާހަގަކުރެވުނު ކުށްތައް އިސްލާހު ކުރުމަށްފަހު ފޮތްތަށް ޗާޕުކުރަން އެކަނި ކަމަށްވެސް އެޑިއުކޭޝަނުން ބުނެފައިވެއެވެ.