އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގްއާއި އަލަތު ދަރިފުޅަށް ބަލިވެއިންކަމުގެ ޚަބަރު ފޭނުންނާ ހިއްސާކުރީ ވަރަށް ތަފާތުގޮތަކަށެވެ.

ބާރްތީގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް މިޚަބަރު ހިއްސާކޮށްފައިވާ ޚާއްސަ ވީޑިއޯގައި އޭނާ ބުނެފައިވަނީ ވޭތުވެދިޔަ 6 މަސް ދުވަހުވެސް އޭނާ ޕްރެގްނެންސީ ޓެސްޓްގެ ވީޑިއޯ ކޮންމެ ފަހަރަކުވެސް ތައްޔާރުކުރާ ކަމަށެވެ.

ސަބަބަކީ އެއީ ބާރްތީއާއި ހަރްޝްގެ ހަޔާތުގެ ވަރަށް މުހިއްމު ވަގުތުކޮޅަކަށް ވާނެކަމަށާއި އެހެންވެ އެމުހިއްމު ވަގުތުކޮޅު އެމީހުން ރައްކާކުރަން ބޭނުންވާތީއެވެ.

ބާރްތީއާއެކު ގިނަ ޝޯވްތަކެއް ހޯސްޓްކޮށް ގިނަ ހެއްވާ މަޖާ ޝޯވްތަކުގައި ހަރްޝްވެސްވަނީ ބާރްތީއާއެކު ބައިވެރިވެފައެވެ.

ބާރްތީ ބަލިވެއިންކަން އިއުލާނުކޮށްފައި ވާއިރު މީގެކުރިންވެސް މިދެމަފިރިންވަނީ ދަރިޔަކު ހޯދުން އެއީ މިހާރު އެންމެ ބޮޑު އިސްކަމެއްދޭ އެއްކަންތައް ކަމަށް ބުނެފައެވެ.

ބާރްތީވަނީ ދާދިފަހުން އޭނާގެ ބަރުދަނަށްވެސް ބޮޑު ބަދަލެއް ގެނެސް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި މަސައްކަތް ފަށާފައެވެ.

އޭނާ އެންމެ ފަހުން ފެނިގެންދިޔަ ޝޯވް "ޑާންސް ދިވާނޭ" ހޯސްޓުކުރިއިރު ހަށިގަނޑަށް އައިސްފައިވާ ބަދަލުފެނި ގިނަ ފަންނާނުންތަކަކަށް ހައިރާންކަމެއްވެސް ލިބިގެންދިޔައެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ބާރްތީ ފެށި ދަތުރަށް ގިނަބައެއްގެ ތައުރީފުވެސް ލިބިގެންދިޔައެވެ.

ބާރްތީއާއި ހަރްޝް ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

ބާރްތީއާއެކު ގިނަ ޝޯވްތަކެއް ހޯސްޓުކުރުމުގައި ހަރްޝް އުޅުނު ނަމަވެސް މީގެކުރިން ހަރްޝްއަކީ ޓެލެވިޒަން ޝޯވްތަކުގައި ބެކްގްރައުންޑައި މަސައްކަތްކުރި ހުނަރުވެރި ލިޔުންތެރިއެކެވެ.

https://www.youtube.com/watch?v=Xady70zy63Y&t=24s