މިމަހުގެ 9 ވަނަ ދުވަހު އިންޑިއާގެ ރާޖަސްތާނުގައި ބޭއްވުނު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްއާއި އެކްޓަރު ވިކީ ކޯޝަލްގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ނުދެވުނު ފަރާތްތަކަށް ދެމަފިރިންގެ ފަރާތުން ވަރަށް ހާއްސަ ހަދިޔާ ޕެކްތަކެއް ފޮނުވަން ފަށައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެގޮތުން ގުޅިގެން އުޅޭކަމުގެ އަޑުއަރާފައި ވީނަމަވެސް ދެމީހުންގެ ފަރާތުންވެސް މިގުޅުމާ ބެހޭގޮތުން ރަސްމީގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކައިވެނިކުރުމާ ހަމައަށްވެސް ދެފަރާތުން ކައިވެންޏާ ގުޅޭގޮތުންވެސް އެއްވެސް ވާހަކައެއް މީޑިއާއި ހިއްސާކޮށްފައެއް ނުވެއެވެ.

ކެޓްރީނާއާއި ވިކީގެ ކައިވެނީގެ ހަފްލާތަކުގެ ވާހަކަތައް މިދިޔަ ނޮވެމްބަރު މަހުން ފެށިގެންވަނީ ފެންމަތިވެފައެވެ.

ރާޖަސްތާންގެ ސިކްސް ސެންސެސް ބަރްވާރާ ފޯޓް ރިސޯޓްގައި ސަލާމަތީގޮތުން ވަރަށްވަރުގަދަ ފިޔަވަޅުތަކާއެކު ބޭއްވި ކުލަގަދަ ހަފްލާގައި ބައިވެރިވެފައިވަނީ ދެތަރިންގެ އާއިލާގެ އިތުރުން ބޮލީވުޑްގައި އެކީގައި މަސައްކަތްކުރާ ވަރަށް ގާތް މީހުންނެވެ. އޭގެތެރޭގައި، ކަބީރް ޚާން، މިނީ މާތުރްއާއި ނެހާ ދޫޕިއާގެ ދެމަފިރިންނެވެ.

ކެޓްރީނާއާއި ވިކީ ކޯޝަލްއަކީވެސް ބޮލީވުޑްގެ ގިނަ ތަރިންނާއެކު ވަރަށް ގާތްގުޅުމެއް ބާއްވާ ދެތަރިންނެވެ.

ނަމަވެސް ކޮވިޑް-19 ގެ ގަވާއިދުތަކާއި ޕްރޮޓޮކޮލްތަކަށް ހުރުމަތްތެރިކޮށް ހިތުމުގެގޮތުން ދެ ތަރިންވެސް ބޭނުންވީ ވީހާވެސް މީހުން މަދު މާހައުލެއް ކައިވެނީގެ ރަސްމިއްޔާތުތަކުގައި ގާއިމުކުރުމަށެވެ.

ދެމަފިރިންގެ ފަރާތުން ބޮލީވުޑްގައި މަސައްކަތްކުރާ ރަހްމަތްތެރިންނަށް ފޮނުވި ހަދިޔާއެކު ލިޔެފައިވާ މެސެޖްގައި، އެދެތަރިންގެ އަލަތު ކައިވެނީގެ އައު ފެށުމަށް ހެޔޮ އެދުންތައް ފޮނުވިކަމަށްޓަކައި ޝުކުރު އަދާކޮށްފައިވެއެވެ. އަދި ދެމީހުންނަށް ލިބިފައިވާ އުފާވެރިކަން ވަރަށް އަވަހަށް ބޮލީވުޑްގެ މިތުރުންނާއެކު ހިއްސާކުރާނެކަމަށްވެސްވަނީ ބުނެފައެވެ.

މިމެސެޖްގައި ވާގޮތުންނަމަ ދެތަރިންގެ ފަރާތުން ބޮލީވުޑްގެ ފަންނާނުންނާއެކު ދެމީހުންގެ ރަހްމަތްތެރިންނަށް ބޮޑު ރިސެޕްޝަނެއް ބާއްވާނަކެމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން މި ދެމަފިރިން ހަނީމޫނަށް އައުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެއަށެވެ. އެހެންނަމަވެސް ދެ ތަރިންގެވެސް އަދި ނުނިމިހުރި ފިލްމީ މަސައްކަތްތަކެއް ހުރިކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކައިވެނީގެ ހަފްލާއަށްފަހު ދެ ތަރިންވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި ޕްރައިވެޓް ހެލިކޮޕްޓަރެއްގައި ޖެއިޕޫރް އެއަރޕޯޓްއިން މުމްބާއީއަށް ގޮސްފައެވެ.

އަލަތު ކައިވެންޏަށްފަހު ކެޓްރީނާއާއި ވިކީ ދިރިއުޅެން ހަމަޖެހިފައިވަނީ މުމްބާއީގެ ޖުހޫގައި ހުންނަ އެމީހުންގެ ލަގްޒަރީ އެޕާޓްމަންޓްގައެވެ.

ކެޓްރީނާއާއި ވިކީ ވެގެންދާނީ ބަތަލާ އަނުޝްކާ ޝަރްމާއާއި ފިރިމީހާ ވިރާތް ކޮލީގެ އަވަށްޓެރިންނަށްކަމަށް މީޑިއާތަކުންވަނީ ބުނެފައެވެ.