ޒުވާން ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފިލްމު "ބްރަމަސްތްރާ" އަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު އެފިލްމެއް ރިލީޒްކުރެވޭނެ ތާރީޚަކަށް އިންތިޒާރުކުރާ އެއް ފިލްމެވެ.

ދިގުދެމިގެން ގޮސްފައިވާ މިފިލްމުގެ މަސައްކަތް ކުރިޔަށްދާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެދާނެއެވެ. އެކި ސަބަބުތަކާހެދި މިފިލްމުގެ މަސައްކަތް އެކިފަހަރު މަތިންވަނީ މެދުކަނޑާލާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެބޮޑަށް ތަހައްމަލުކޮށްފައިވާ އެއް ފިލްމަކީ ފިލްމު "ބްރަމަސްތްރާ" އޭ ބުނުން ދޮގަކަށް ނުވާފަދަ ދަރަޖައަކަށް ފިލްމުގެ ޝޫޓިންގްއަށް ހުއްޓުމެއް އައެވެ. އެހެންނަމަވެސް ފިލްމުގެ ދިގު އިންތިޒާރަށް ނިމުމެއްއައިސް މިމަހުގެތެރޭ ފިލްމުގެ މަސައްކަތް އެއްކޮށްވަނީ ނިންމާލާފައެވެ.

އަޔާން މުކަރްޖީގެ ޓީމުންވަނީ މިފިލްމުގެ ފުރަތަމަ ޕޯސްޓަރ އިއްޔެ ރިލީޒްކޮށްފައެވެ. މިކަމަށްޓަކައި ބޭއްވި އިވެންޓުގައި ފިލްމު "ބްރަމަސްތްރާ" ގެ އެކްޓަރު ރަންބީރް ކަޕޫރުގެ އިތުރުން ފިލްމުގައި ހިމެނޭ ކާސްޓުންނާއި އެމީހުން ފެންނާނެ ރޯލާބެހޭ އިތުރު ތަފްސީލު ހާމަކޮށްފައި ވެއެވެ.

މިފިލްމަށް އާއްމުންގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އެންމެބޮޑު އެއް ސަބަބަކީ ފިލްމުގައި ފެނިގެންދާ ބަތަލާ އާލިއާ ބަޓްއާއި އެކްޓަރު ރަންބީރު ކަޕޫރަކީ ހަގީގީ ދިރިއުޅުމުގައިވެސް ލޯބިވެރިންނަށް ވުމެވެ. އަދި މިފިލްމަކީ، މި 2 ތަރިންވެސް ލޯބިވެރިންގެ ގޮތުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

ފިލްމު ރިލީޒްކުރާނެ ތާރީޚެއް ޓީމުން އަދި އާއްމުކޮށްފައި ނުވިނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

އާލިއާއާއި ރަންބީރް ކަޕޫރުގެ އިތުރުން ފިލްމުގައި ފެނިގެންދާނެ ހާއްސަ ތަރިންގެތެރޭގައި، އެކްޓަރު އަމީތާބް ބައްޗަން، ސައުތް އިންޑިއާގެ އެކްޓަރު ނަގަރްޖުނާ، ބަތަލާ ޑިމްޕަލް ކަޕާޑިއާ އަދި ޓެލެވިޒަންގެ މަޝްހޫރު ތަރި މޯނީ ރޯއި ހިމެނެއެވެ.