އަރަބިއްޔާ ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ އެ ސްކޫލްގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ، އަރަބިއްޔާ ސްކޫލްގެ އިމާރާތަށް މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި އިމާރާތުގެ ހާލަތު މިހާރު ހުރި ގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

އިމާރާތަށް ލިބިފައިހުރި ގެއްލުންތަކަށް ހައްލެއް ލިބެންދެން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިޔުމަކީ ލާޒިމުކަމެއް ކަމަށާއި 700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތްކޮށްފައި ހުރި އިމާރާތެއްގައި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެގޮތުން އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށާއި އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްގެ ތެރެއިން އެއް ސްކޫލް އަރަބިއްޔާއަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ހާމަކުރެއެވެ.

މީގެއިތުރުން ސްޓަރަކްޗަރަލް އެސެސްމެންޓް ނިމުމުން އެ އެސެސްމެންޓުގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް، އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އަދި އިމާރާތް އަބަދުވެސް ހާއްސަ ކުރެވިފައި ހުންނާނީ އަރަބިއްޔާއަށް ކަމަށްވެސް ބުނެފައިވެއެވެ.