ލޯފަން ކުދިންގެ ގިނަ ޝަކުވާތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަށް ހުށަހަޅައިފިއެވެ.

ލޯފަން ކުދިންގެ ފަރާތުން މި ޝަކުވާތައް ހުށަހެޅީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ހިމެނޭ ލޯފަން މީހުންނާއި ބައްދަލުކުރައްވައި އެމީހުންނަށް ދަތިވާކަންކަމާއި ގުޅޭގޮތުން އިއްޔެ ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ބައެއް ލޯފަން މީހުންނާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ އިތުރުން، އެންސްޕާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ބައިވެރިވި މީހުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަކަމަށާއި، އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާ ކަމުގައެވެ.

އަދި އެމީހުންނަށް ފޯރުކޮށްދޭންޖެހޭ ފަރުވާއާއި، އިތުރު ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު، މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އެމީހުން މިބައްދަލުކުރުމުގައި ފާހަގަކޮށްފައިވެއެވެ.

ފޮޓޯ: ރައީސް އޮފީސް

މި ބައްދަލު ކުރެއްވުމުގައި އެންސްޕާގެ ބޭފުޅުން ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި "ޑިސްއެބިލިޓީ ސިވިއަރނަސް" އަށް ބަލައި ދެވޭ އެލަވަންސް މުރާޖަޢާ ކުރުމުގެ މަޝްވަރާތައް މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއެކު އެންސްޕާއިން ކުރަމުން ގެންދާކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ ބައިވެރިން ހުށަހެޅުއްވި ކަންކަމަށް ރިޢާޔަތްކޮށް އެކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.