ޕްރޮގްރެސިވް ކޯލިޝަން އޮފް ދަ މޯލްޑިވްސް އިން ބާއްވާ ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ބުނެ ސައިކަލް ބުރަށް ފުލުހުން ހުރަސްއަޅައިފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކަމަށާއި އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއްކަމުގައި ދެކޭ ކަމަށެވެ.
އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނީ ޒިންމާ ކަމުގައިވީ ހިނދު، އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރުއަރާނެފަދަ ގޮތަކަށް އުޅަނދުބުރު ކުރިއަށް ގެންދިޔުމުގެ ފުރުސަތު ފުލުހުންގެ ޚިދުމަތުން ނުދެނޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން ޕީޕިއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ޕީޕިއެމްގެ އެއްވެސް ރެލީއެއްގަ ހަމަނުޖެހުން ހިންގަން ރާވާފަ ނެތް ކަމަށާއި މިހާތަނަށް ބޭއްވި އެއްވެސް ރެލީއެއްގައި އެފަދަ އަމަލެއް ހިންގާފައި ނުވާނޭ ކަމަށެވެ.
ސަރުކާރު އޮތީ ވަރަށް ބޮޑަށް އިންޑިއާގެ ދަށުވެފައި ކަމަށާއި އިންޑިއާއިންދޭ އިންސްޓްރަކްޝަންތަކާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތުވެސް ޕީޕއެމުން ކުރެއެވެ.
ޕީޕީއެމްގެ ސައިކަލް ބުރު ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ބުނިނަމަވެސް ސައިކަލު ބުރު މިއަދު ހަވީރު 16:00 ޕީޕީއެމް އޮފީސް ސަރަހައްދުން ވަނީ ފަށާފައެވެ.
އިދިކޮޅު ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން ބާއްވާ މި ސައިކަލު ބުރަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމަށާއި، ދިވެހި ޒުވާނުން ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހަރަކާތެއް ކަމަށް ޒުވާނުންގެ ގޮފިން ބުނެއެވެ.
އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ މިދިޔަ ނޮވެމްބަރު މަހުވެސް އެެ ކޯލިޝަނުން ސައިކަލު ބުރެއް ބާއްވާފައި ވެއެވެ.
ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރުގައި އިދިކޮޅު ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.