މިމަހުގެ 3 ވަނަ ދުވަހު ރިލީޒްކުރި ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާގެ ފިލްމު "ތަޅަޕް" އަކީ އުއްމީދުކުރި ވަރަށްވުރެ ކާމިޔާބު ފިލްމެއްކަމަށް ބޮލީވުޑްގެ ފިލްމު ރިވިއުކުރާ އެނަލިސްޓުން ބުނެފިއެވެ.

މިފިލްމަކީ ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު ބޮލީވުޑަށް ތައާރްފް ވުމުގެގޮތުން ކުޅުނު އޭނާގެ އަލަތު ފިލްމެވެ.

ފިލްމު ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި، އަހާން ޝެޓީވަނީ އޭނާގެ ފުރަތަމަ ފިލްމުންވެސް ބޮލީވުޑްގައި ފައިތިލަ ސާބިތު ކުރެވޭނެކަން ދައްކާފައެވެ. އެހާވެސް އޭނާގެ އެކްޓިންގް މޮޅުކަމަށް ކްރިޓިކުންވަނީ ފާހަގަކޮށްފައެވެ.

ފިލްމަށް ލިބެމުން އަންނަ ތަރުހީބު ފާހަގަކުރުމުގެ ދާދިފަހުން ފިލްމުގެ ޓީމުންވަނީ އެކަން ކާމިޔާބުކުރުމުގެ ހަފްލާއެއްވެސް ބާއްވާފައެވެ. މިހަފްލާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީވެސް އަހާންގެ ބައްޕަ އެކްޓަރު ސުނިލް ޝެޓީއެވެ.

އަހާން ޝެޓީއާއެކު ބަތަލާ ތާރާ ސުތާރިއާ ފެނިގެންދާ މިފިލްމަކީ، 2018 ވަނަ އަހަރު ރިލީޒްކުރި ތެލުގޫ ފިލްމު "އާރްއެކްސް 100" އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ރިމޭކްއެކެވެ.

އަހާން ޝެޓީއާއެކު ސުނިލް ޝެޓީވެސް ފިލްމުން ފެނިގެންދާއިރު މިފިލްމަކީ، ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ގިނަބަޔަކު ގަބޫލުކުރާގޮތުގައި އަހާން ވެގެންދާނީ ކުރިޔަށް އޮތްތަނުގައި ބޮލީވުޑުން އުފައްދާ އެކްޝަން ފިލްމުތައް ކުޅުމަށް އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ކަމަށެވެ.

އަހާންގެ ބައްޕަ ސުނިލް ޝެޓީވެސް ގިނައިން ފެނިފައިވަނީ ވަރުގަދަ އެކްޝަން ރޯލްތަކުންނެވެ.

1991 ވަނަ އަހަރު ފިލްމު "ބަލްވާން" އިން ފިލްމީ ދާއިރާއަށް ނުކުތް ސުނިލް ޝެޓީއަކީ މިހާރު ފިލްމީ ދާއިރާއާއި ތަންކޮޅެއް ދުރުގައި އުޅޭ އެކްޓަރެކެވެ.

އަހާން ޝެޓީގެ އިތުރުން އޭނާގެ ދައްތަ އަދި ސުނިލްގެ ދޮށީ ދަރިފުޅު އަތިޔާ ޝެޓީވެސްވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ.

ފިލްމީ ދާއިރާގައި މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާ ބަތަލާ އަތިޔާ ޝެޓީ އެންމެ ފަހުން ފެނިފައިވަނީ 2019 ވަނަ އަހަރު ރިލީޒްވި ކޮމެޑީ ފިލްމު "މޮތީޗޫރް،ޗަކްނަޗޫރް" އިންނެވެ.