2018 ވަނަ އަހަރު ފިލްމު "ޒީރޯ" އަށްފަހު އިތުރު ފިލްމަކުން ފެނިފައިނުވާ ބަތަލާ އަނުޝްކާ ޝަރްމާ އެނބުރި ސްކްރީނަށް އައުމަށް ހަމަޖެހިފައިވާ ފިލްމު "ޗަކްދާ އެކްސްޕްރެސް" ކުޅެން ލިބުނު ފުރުސަތު ބަތަލާއަށް ގެއްލިއްޖެއެވެ.

އިންޑިއާއަށް ނިސްބަތްވާ އަންހެން ކްރިކެޓް ކުޅުންތެރިޔާ ޖޫލަން ގޯސްވާމީގެ ބައޮޕިކް ކުޅުމަށް މީގެކުރިން އަނުޝްކާ ހަމަޖެހިފައިވީ ނަމަވެސް ފިލްމުގެ ފެށުން މެދުކެނޑިފައިވަނީ ކޮވިޑް-19 ގެ ޕެންޑަމިކްއާހެދިއެވެ.

އެއަށްފަހު ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވި ނަމަވެސް ބަތަލާ އަނުޝްކާ ފުރަތަމަ ދަރިފުޅަށް ބަލިވެއިނުމާއި ގުޅިގެން ފިލްމުގެ މަސައްކަތްވަނީ ހުއްޓުމަކަށް އައިސްފައެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން މިފިލްމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް މިހާރު ތައްޔާރުވެފައިވަނީ އާ ބަތަލާއަކާ އެކުގައެވެ.

ޚަބަރު ލިބޭގޮތުގައި އަނުޝްކާގެ ބަދަލުގައި ފިލްމުގައި ފެނިގެންދާނީ އެމޭޒަން ޕްރައިމްއިން ގެނެސްދިން އަނުޝްކާގެ ފިލްމު "ބުލްބުލް" ގެ ބަތަލާ ތްރިޕްތީ ދީމްރީއެވެ.

ބަތަލާ ތްރިޕްތީއަކީ ފިލްމު "ބުލްބުލް" ގައި އޭނާ ދެއްކި މޮޅު އެކްޓިންގް އަށްފަހު ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިއެކެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ފިލްމުގެ ސްކްރިޕްޓަށްވެސްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ސްކްރީނުން އަނުޝްކާ ނުފެނުނުކަމުގައި ވިޔަސް ފިލްމުގައި އަނުޝްކާގެ ރޯލު ވަރަށްބޮޑެވެ. ސަބަބަކީ ސޮނީ ޕިކްޗަރސްއާއެކު އަނުޝްކާ ފިލްމުގައި ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ މިފިލްމުގެ ކޯ-ޕްރޮޑިއުސަރުގެ ގޮތުގައި ކަމަށްވާތީއެވެ.

"ޗަކްދާ އެކްސްޕްރެސް" އަކީ އިންޑިއާގެ ނެޝަނަލް އަންހެން ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން ޖުލަން ނިޝިތް ގޯސްވާމީގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ފިލްމެކެވެ.

ޖުލަން ގޯސްވާމީއަކީ އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފާހަގަ ކޮށްލެވޭފަދަ ކުޅުންތެރިއެކެވެ.

ޚަބަރު ލިބޭގޮތުގައި އަންނަ އަހަރުގެ މެދުތެރޭގައި ރިލީޒްކުރެވޭނެ ކަމަށް ލަފާކުރެވޭ މިފިލްމު ގެނެސްދޭން ހަމަޖެހިފައިވަނީ ނެޓްފްލިކްސްއާއި ގުޅިގެންނެވެ.