ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ވެހިކަލް ބުރު ބޭއްވުމަށް ފުލުހުން ހުރަސް އަޅާފައިވާތީ އިދިކޮޅުން އެކަން ކުށްވެރިކޮށްފިއެވެ.

ސައިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކަމަށާއި އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއްކަމުގައި ދެކޭކަމަށްބުނެ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދު ބަންދުކޮށްފައެވެ.

އެކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޝުއޫރުފާޅުކޮށް އަޑު އުފުލުމަށް ދިވެހި ޒުވާނުން އިސްނައިގައިގެން ކުރިއަށް ގެންދަން މަސައްކަތްކުރި ސުލްހަވެރި ވެހިކަލް ބުރު ކުރިއަށް ގެންދިއުމަށް ހުރަސް އަޅާ ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، އިދިކޮޅުން ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއް ކޮށް ބަޔާނެއް ނެރެފައިވާތީ އެކަންވެސް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އިދިކޮޅުން ބުނީ އެޕާޓީއަކީ އެއް އިރެއްގައިވެސް ހަމަނުޖެހުން ހިންގަން ނުވަތަ އެފަދަ ކަމަކަށް ފުރުސަތުދޭނެ ޕާޓީއެއް ނޫން ކަމަށާއި، ތާރީޚަށް ބަލާލުމުންވެސް އެފަދަ ކަންކަން ކުރަމުން ގެންދާ ބަޔަކީ މިވަގުތު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ކަން އެނގިގެންދާނެ ކަމަށެވެ.

އަދި، ސުލްހެވރިކަމާއެކު ފުލުހުންގެ މުއައްސަސާއާއި މަޝްވަރާ ކުރެވި އެއްބަސްވެވިފައިވާ ގޮތުގެ މަތިން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިވެހިކަލް ބުރު ކުރިއަށް ގެންދިއުމުގެ ހުއްދަ ސަރުކާރުގެ ފަރާތުން ލިޔުމުން ދީފައިވީނަމަވެސް، ފުލުހުން ވެހިކަލް ބުރު ބޭއްވިޔަ ނުދިނީ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގެ ސަބަބުން ކަމަށް އިދިކޮޅުން ބުނެއެވެ.

މީގެއިތުރުން، އެކޯލިޝަނުން ވަނީ ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކަށް ވަނުމުގެ ފުރުޞަތު ނުދިނުމަށާއި، ރާއްޖެއިން އިންޑިއާގެ އަސްކަރިއްޔާ ބޭލުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައެވެ.

އަދި، ވެހިކަލް ބުރަށް ހުރަސްއެޅުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ ތެރެއިން އެތައް ބަޔަކަށް އަނިޔާވެ، ވެހިކަލްތަކަށް ގެއްލުން ލިބިފައިވާކަން ފާހަގަކޮށް އިދިކޮޅުން ބުނީ، ގާނޫނުއަސާސީން ދިވެހި އެންމެހާ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަނެ، ފުލުހުންގެ މައްޗަށް ސަރުކާރުގެ ފަރާތުން ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމުރުތަކުގެ މައްސަލައާއި، އެ އަމުރު ތަންފީޒު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުން ގެންދާ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ވެސް ގޮވާލާފައެވެ.