ދިވެހިރާއްޖޭގެ ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިފި ނަމަ، ސައްޕު ޖަހާފައި އެމީހުން ބޭރު ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތީން އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދު ހޯދުމުގެ ގޮތުން އަތޮޅު ތެރެއަށް ކުރައްވަމުންގެންދާ ދަތުރުގެ ތެރެއިން ކ. ތުލުސްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ތުލުސްދޫން އެމަނިކުފާނަށް މަރުހަބާ ދެންނެވި ރައްޔިތުންނާ މުޙާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ މެދު ދިވެހި ރައްޔިތުންގެ ޚިޔާލު ހުރި ގޮތް ބެލުމަށް ފެންނަނުފެންނަ ވޯޓެއް ނެގުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ގޮވާލާފައެވެ.

އަޅުގަނޑުމެންނަށް އެބެފުޅުން އެންމެ ބޮޑަށް ހަނދާންކޮށްދިނީ ރައްޔިތުންނާއި ހަމައިންނޭ ވެރިކަމުގެ ބާރުތައް އަންނަނީ. ރައްޔިތުން ބާރުތައް ވެރިންނަށް ދިނީމައޭ ވެރިންނަށް ބާރު ލިބިގެން މި އަންނަނީ. އިބްރާހީމް މުހައްމަދު ސާލިހަށް، ރައީސްކަން ކުރައްވާ ބޭފުޅަކަށް ގާނޫނުއަސާސީގެ މާއްދާއަކުން އެބަ ލިބޭ ބާރެއް. ބަރުލަމާނީ ނިޒާމާ އެހެން ނިޒާމުތައް އައުމުގެ ކުރިން އަޅުގަނޑުމެން ބަލާލަން އެބަޖެހޭ ރައްޔިތުންގެ ވިސްނުމާއި ރައްޔިތުންގެ ޝުއޫރު އޮތީ އިންޑިއާގެ އަސްކަރިއްޔާ މިތާ ތިބުމުގަ ކޮންގޮތަކަށްތޯ. އަޅުގަނޑު ހަމަ ދަންނަވާނީ މިހާރު ވޯޓެއް ނަގައިފިކަމަށް ވަންޏާ ހަމަ ސައްޕު ޖަހާފަ ބޭރު ކުރާނެ.
އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ވެރިކަމުގެ ނިޒާމު އެހެން ނިޒާމަކަށް ފުރޮޅައިލުމުގެ ކުރިން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާމެދު ރައްޔިތުން ދެކޭ ގޮތެއް އޮޅުންފިލުވަން ވޯޓެއް ނެގުން މާ މުހިއްމު ކަމަށެވެ.

މީގެއިތުރުން، އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އިންޑިއާއިން ބާރުފޯރުވަމުންދާ ކަމަށާއި، އިންޑިއާ ކަނޑުގައި އިންޑިއާގެ ނަން އޮތަސް މި ކަނޑަކީ އިންޑިއާގެ މިލްކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިންޑިއާއިން ސަރުކާރަށް ނުފޫޒު ފޯރުވައި އެކި އެކި ފިއްތުންތައް ކުރިމަށާއި، އެއީ އެއްވެސް ހާލެއްގައި އަވައްޓެރި ގައުމަކާ މެދު ކަންތައް ކުރަންވާނެ އުސޫލެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާއަކީ ރަހުމަތްތެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ގައުމެއް ކަމަށާއި، ގިނަ ބޭނުންތަކެއް ފުއްދުމަށްޓަކައި އިންޑިއާއަށް ބަރޯސާ ވީނަމަވެސް، އެއީ ދިވެހީންގެ ފަސްގަނޑުގައި އިންޑިއާގެ އަސްކަރިއްޔާ ތިބެންޖެހޭ ސަބަބެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށާއި، "އިންޑާ އައުޓް އޭ" ނުބުނެވޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ތިބުމަށް ރައީސް ސާލިހް ތާއީދު ކުރެއްވި ނަމަވެސް، އެކަމަށް ރައީސް ނަޝީދު ތާއީދު ނުކުރައްވާ ކަމަށެވެ.

ދިފާއުގަ މި ދައްކަނީ ކޮންވާހަކައެއްތޯ؟ އިންޑިއާ އައުޓެކޭ ނުޖެހޭނެއޭ. މީ ރައީސް ނަޝީދު ވިދާޅުވާ ވާހަކަ. މިހެނެއް ނުބުނެވޭނެއޭ. ބުނަން ވާނީ އިންޑިއާ މިލިޓަރީ ބޭރުވާށޭއެ. އެހެންވީމާ އެމަނިކުފާނުވެސް ގަބޫލުކުރައްވާ އިންޑިއާ މިލިޓަރީ ބޭރުވާން ޖެހޭކަން. އެއީ ނޫންތޯ އެބުނި ވާހަކައަކީ؟ އެހެންވީމާ އިބްރާހީމް މުހައްމަދު ސާލިހް މިތާ އިންޑިއާ މިލިޓަރީ ބާއްވަން ބޭނުންވިޔަސް ރައީސް ނަޝީދެއް ތާއީދެއް ނުކުރޭ އިންޑިއާ މިލިޓަރީ މިތާ ތިބޭކަށް.
އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީށް ޔާމީން އަބްދުލްގައްޔޫމް

ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅުގެ ހަރަކާތްތަކުގެ ފޯރި އިތުރުވެއްޖެ ނަމަ، އިންޑިއާ ސިފައިން ތިބި ސަރަހައްދު ތަކުގެ މީހުން ވެސް އެފަރާތްތަކަށް ނޫނެކޭ ބުނާނެ ކަމަށާއި ޕީޕީއެމްގެ ފަރާތުން ވެސް އެފަރާތްތަކަށް ބުނާނީ ނޫނެކޭ ކަމަށެވެ.

އަދި، އިންޑިއާއަށް ރާއްޖެއިން ޖާގަދޭން ބޭނުންނުވާ ވާހަކަ ތަކުރާރު ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން އަތޮޅު ތެރޭގެ ރަށްތަކުގައި އޮތް ރޫހު މުޅި ރާއްޖެއަށް އާންމު ކުރަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވަނީ އިދިކޮޅުގެ ހަރަކާތަށް ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.