މިއަދު ދިވެހިން މިނިވަންކަންމަތީ މިތިބީ ޖާނާއި މާލުން ޤުރުބާންވެ ދީނާއި ޤައުމަށްޓަކައި އެތައް ދިވެހި ދަރިންނެއް ޝަޙީދުވެ، މި ޤައުމުގެ ފަސްގަނޑަށް ލޭ އޮހޮރުވައި ކުރެއްވި ބުރަ މަސައްކަތުންނެވެ. ގައުމު ދެކެ ލޯބިވި، އެތައް ޤައުމީ ބަޠަލެއް ކުރެއްވި މިންނެތް މަސައްކަތުން މިއަދު ދިވެހިރާއްޖެއަކީ މިނިވަން ޤައުމެކެވެ. އަހަރެމެން އެންމެ ހިނދުކޮޅަކު ވެސް އެކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.
ދިވެހިންނަކީ ފެއްސާއި ރަތާއި ހުދުން ޖަރީވެގެން ތިބި އަމިއްލަވަންތަ ބައެކެވެ. މަހަލްދީބަކީ އަހަރެމެންގެ އެންމެ އަގުބޮޑު ރައުސުލްމާލެވެ. އަހަރެމެންގެ ލޭ ހިނގަނީ މި މަހަލްދީބުގެ ޝަރަފުގައެވެ. މި ދީބުގެ ހިމާޔަތުގައެވެ. އަހަރެމެންނަށް އެންމެ އިސްވާނީ އިސްލާމް ދީނާއި ދިވެހި ބިމެވެ. ތަންފުކެއްވެސް ނުދޭނަން މަ ދިރިހުއްޓަކާ އޭ ބުނެ، އަހަރުމެންގެ ކާބަފައިން، އަހަރުމެންނާ ހަވާލުކުރި މި އަމާނާތް، އަހަރުމެންގެ ދަރީންގެ ދަރީންނާއި ހަމައަށްވެސް ފޯރުކޮށްދިނުމަށް، ހަމަ ކޮންމެ ދިވެއްސަކުވެސް ހިތްވަރާއި، މިންނަތާއެކު މަސައްކަތްކުރަން ޖެހެއެވެ.
ދިވެހިންގެ މިނިވަންކަމާ ތޮޅެން އައި ކޮންމެ ޚާއިނަކަށް ދިވެހި ދަރިން ދީފައިވާ ޖަވާބަކީ "ނޫނެކެވެ. ހަމަ ހިލާ މި ނޭވާ ހިނގާހާ ހިނދަކު ދިވެހި ބިމުން އެންމެ ވެލިފުކެއް ވެސް ނުދޭނަމެވެ." ހަމަ އެ ޖަވާބު މިއަދު ވެސް މި ގައުމާ، މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ކުޅެން އަންނަ ޚާއިނަކަށް ވިއްޔާ ދިވެހިން ދޭނެއެވެ. މިނިވަންކަމަށް ބުރޫއެއް އަރާފާނެ ކޮންމެ ކަމަކަަށް ފާޅުގައި ނޫނެކޭ ބުނާނެއެވެ.
ދިވެހިންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ޖެހިލުންކުޑަ ކަމާއެކު އެ ގޮވާ "އިންޑިއާ މިލިޓަރީ އައުޓަކީ" އޭގެ ހެއްކެކެވެ. މި ގައުމުގައި ބޭރުގެ ސިފައިން ތިބި ކަމަށް ބުނެ އެ މީހުން މި ފަސްގަނޑު ދޫކޮށް ދިއުމަށް ގޮވަނީއެވެ. އެ ކަމަކީ "ހަޖަމްކުރެވޭ" ވަރަށް ވުރެ ނުރައްކާ ކަމެއް ކަމަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ގަބޫލުކުރެވެނީއެވެ. ކޮންމެ ބަޔަކު ލީޑްކުރިޔަސް ބުނަމުން ދަނީ އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި ގައުމީ ކަމެއް ކަމަށެވެ.
އެކަމަކު މަންޒަރު ބަދަލުވެއްޖެއެވެ. ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ފެށި ކެމްޕެއިންގެ މިސްރާބު އޮޅުނު ފަދައެވެ. އެއްކަލަ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕެއިން "އިންޑިއާ އައުޓް" ކެމްޕެއިނަށް ވެއްޖެއެވެ. މި ވީގޮތުން އަވަށްޓެރި ގައުމަކާ ސީދާ ޖައްސާލީއޭ ބުނެވިދާނެއެވެ. މި ކެމްޕެއިން ލީޑްކުރާ ފަރާތްތަކުން އިންޑިއާއާ ޒާތީ ވީ ހެއްޔެވެ؟ އެހެން ވިއްޔާ ވަރަށް ދެރަވަރުގެ ކަމެކެވެ، އެންމެ އިސް ލީޑަރާ ހަމައިން އާންމުންނާ ހަމައަށް ޓީޝާޓްތަކުގައި "އިންޑިއާ އައުޓް" ލިޔެގެން ނުކުތީމާ އެ ދެވެނީ ގޯސް މެސެޖެކެވެ. ނެރޭ ނޫސް ބަޔާންތަކުގައި "އިންޑިއާ އައުޓް" ސްޓޭމްޕް ޖެހުމުން އަދި މާ ގޯހެވެ. ހާއްސަކޮށް ކެމްޕެއިންގެ މައުލޫމާތެއް ލިބިފައި ނުވާ މީހަކަށް އެ މެސެޖް ފެންނާނީ ވަރަށް ޒާތީ އެއްޗެއްގެ ސިފައިގައެވެ.
އަހަރެމެންނަކީ އެއްވެސް ގައުމަކާ ޖައްސާލައިގެން އުޅޭ ޒާތީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވާ ބަޔަކަށް ވެގެން ނުވާނެއެވެ. އަހަރެމެން ވާންވާނީ އަވަށްޓެރި ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހި އެކުވެރި ގައުމަކަށެވެ. އޮންނަން ވާނީ ވަރަށް "ބެލެންސްޑް ފޮރިން ޕޮލިސީ" އެކެވެ، ނޫނީ ފޫ ނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހުން އެއީ މާ ދުރުގައި އޮތްކަމެއްނޫނެވެ.
ޒާތީ ނުވެވެސް އިންޑިއާ ސިފައިން މިތާ ތިބި ނަމަ އެ މީހުން ފައިބަން ގޮވާލެވޭނެއެވެ. "އިންޑިއާ މިލިޓަރީ އައުޓް" އަކީ އިންޑިއާ އާއި ޒާތީ ނުވެ، އެއްވެސް ގައުމެއްގެ ހަތިޔާރުއެޅި ފަރުދަކަށް ދިވެހި ބިމުގަ ނުތިބެވޭނެކަމަށް ގޮވާލާ ގޮވާލުމަކަށް ހަދަންޖެހެއެވެ.