ޖަރުމަނު ބުންޑަސްލީގާގައި ހުކުރު ދުވަހުގެރޭ ވުލްފްސްބާގް އަތުން ފަސޭހަކަމާއެކު ބަޔާން މިއުނިކް މޮޅުވި މެޗުގައި އެޓީމުގެ ތަރި ރޮބާޓް ލެވަންޑޮސްކީ ލަނޑުޖެހުމުގެ ރެކޯޑެއް ހަދައިފިއެވެ.

މި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޖެހި ލަނޑާއެކު ލެވަންޑޯސްކީ ވަނީ މި އަހަރު ތެރޭ 43 ލަނޑު ހަމަކޮށްފައެވެ. އެއް އަހަރު ތެރޭ 42 ލަނޑު ޖަހައި މުލާ މީގެ ކުރިން ރިކޯޑު ހަދާފައިވަނީ 1972 ވަނަ އަހަރެވެ. މުލާގެ ރިކޯޑެއް ލެވަންޑޯސްކީ މުގުރާލިއިރު، މިދިޔަ ސީޒަނުގައިވެސް އޭނާ ވަނީ މުލާގެ އެހެން ރިކޯޑެއް މުގުރާލާފައެވެ. އެއީ ލީގު ސީޒަނެއްގައި 40 ލަނޑު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރިކޯޑެވެ. އެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ މިދިޔަ ސީޒަނުގައި 41 ލަނޑު ހަމަކޮށްގެންނެވެ.

ލެވަންޑޮސްކީ ރެކޯޑް ހެދިމެޗުގައި ބަޔާން ފަސޭހަކަމާއެކު މޮޅުވިއިރު، ތޯމަސް މުލާ ވަނީ ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ލަނޑެއްޖަހާ ބަޔާނަށް ލީޑު ނަގާދީފައެވެ. މެޗުގައި މުލާ ލަނޑުޖެހިއިރު މިއީ އޭނާ ބަޔާންގެ ޖާޒީގައި، މަތީ ފަންތީގައި ބަޔާން އަށް ކުޅެދިން 400 ވަނަ މެޗެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދާއިރު، ބަޔާން އިން ލީޑުފުޅާކުރީ ދެވަނަ ހާފުގައި މެޗުގެ 57 ވަނަ މިނެޓުގައެވެ. މުލާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑަޔުޓް އުޕަމެކާނޯ އެވެ. އަދި އޭގެ ދެމިނެޓުފަހުން ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ލެރޯއި ސާނޭ އެވެ.

މެޗުން މޮޅުވެ ބަޔާން އިން ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ނެގިއިރު މިހާތަނަސް ކުޅުނު 17 މެޗުން ބަޔާން ވަނީ 43 ޕޮއިންޓު ހޯދާފައެވެ. ދެވަނައިގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް އޮތީ އެއްމެޗު މަދުންކުޅެ 34 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ވުލްފްސްބާގް އަށް 17 މެޗުން 20 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 12 ވަނައެވެ.