ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވަން އުޅުއްވާކަމަށް ބުނެ ދެކެވޭ ވާހަކަތައް އިދިކޮޅުން ދޮގުކޮށްފިއެވެ.
ރާއްޖޭގައި ޚަބަރު ފަތުރަން ބޭނުންކުރާ މީސްމިޑިއާ ހެންޑްލް "އެމްވީކްރައިސިސް" ގައި ބުނެފައިވަނީ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ޔާމީން ގެންގުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ.
މިކަމާ ބެހޭގޮތުން، އިދިކޮޅުގެ މީޑިއާ ގްރޫޕްގައި ނޫސްވެރިކައު ސުވާލުކުރުމުން، އިދިކޮޅު ކޯލިޝަންގެ އިސްތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވާނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމާއ ގުޅިގެންނެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގައި ދައުރެއްގެ މެދުތެރެއިން، އެއްވެސް ސަބަބަކާ ހުރެ ދާއިރާގެ ގޮނޑިއެއް ހުސްވެއްޖެ ކަމުގައިވާނަމަ، 60 ދުވަހުގެ ތެރޭގައި އެދާއިރާއަށް އަލުން މެމެބަރަކު އިންތިޚާބު ކުރަން ޖެހެއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރުގެ ފެބްރުއަރީ މަހު ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަން ބޭއްވުމުގެ ތައްޔާރީތައް އެ ކޮމިޝަނުން ދަނީ ކުރަމުންނެވެ. އަދި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އީސީން ބުނެފައިވެއެވެ.