ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާތިލްކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ނޯޓިސްތައް ބާތިލް ކުރީ، ސިވިލް ސާވިސް ކޮމިޝަނުން، އެ ނޯޓިސްތައް ބާތިލް ކުރަން ޖެންޑާ މިނިސްޓްރީއަށް އެންގުމުން ކަމަށް މައުލޫމާތުލިބެއެވެ.

ޖެންޑަރ މިނިސްޓްރީގެ ދަށުން ވިލިމާލޭގައި ހިނގަމުން އަންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނޯޓިސް ދިނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެ މުވައްޒަފުން ވަކިކުރީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން މާ ގިނަ މުވައްޒަފުން ބޭނުން ނުވާތީކަމަށް ޖެންޑަރ މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރަމުންދިޔަ 71 މުވައްޒަފަކަށް ނޯޓިސް ދީފައިވެއެވެ. އޭގެފަހުން އެމީހުންނަށް ޖެންޑާ މިނިސްޓްރީގެ އެހެން ދިމަދިމާލުގައި ހުރި ފުރުސަތުތައް ބުނެދިނުމަށް ފަހު 43 މުވައްޒަފަކަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާނެކަމަށްވެސް ބުނެފައިވެއެވެ. ނޯޓިސް ދިނުމާ އެކު ހަތް މުވައްޒަފަކު އަމިއްލައަށް ވަޒީފާ ދޫކޮށްލާފައިވެއެވެ.

އަދި ވަޒީފާއިން ވަކިކުރި 21 މުވައްޒަފުން، ވަޒީފާއިން ވަކިކުރަން ނިންމީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމެއްގެ ދަށުންކަމަށްވެސް ޖެންޑާއިން ބުނެއެވެ.

ހިޔާގައި މަސައްކަތްކުރި 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ހިޔާގެ މައްސަލަތަކެއް ދާދިފަހުންވެސް ވަނީ ފެންމަތިވެފައެވެ.

އެގޮތުން ކުޑަކުދިންގެ ހިޔާގައި މި އަހަރުގެ ތެރޭ އަލިފާނުގެ ތިން ހާދިސާއެއް ހިނގާފައިވެއެވެ. އަދި އެތަނުން ކުދިން ފިލައިގެންދިޔަ މައްސަލަތަކެއްވެސް ފެންމަތިވެފައިވެއެވެ. ނަމަވެސް ކުޑަކުދިންގެ ހިޔާ ބަލަހައްޓާ ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ ހިޔާގައި ތިބެނީ އެކި އުމުފުރައިގެ އެކި ހާލަތްތައް ތަހައްމަލު ކުރަން ޖެހިފައިވާ ކުދިން ކަމަށްވާތީ އެފަދަ މައްސަލަތައް އެކުދިންގެ ފަރާތުން ފެނުމަކީ އާންމު ކަމެއް ކަމަށެވެ.

މިފަދަ ބޮޑެތި މައްސަލަތައް ފެންމަތި ވަމުންދާއިރުވެސް އެ މައްސަލަތައް ހައްލުކުރުމަށް ޖެންޑަރ މިނިސްޓްރީއަށް އެކަށީގެންވާ ވަރަށް ފިޔަވަޅުތައް އެޅިފައި ނުވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޖެންޑަރ މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ.