މާލޭގެ ބައެއް ހިސާބުތަކަށް ލޯ ޕްރެޝަރުގައި ފެންލިބިދާނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންމެޕެނީ (އެމްޑަބްލިޔުއެސްސީ)ން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުފުންނީގެ ފެނުގެ މައި ނެޓްވޯކުގެ މަރާމާތުތަކެއް މިވަގުތު ކުރަމުންދާތީ މާލޭގެ ބައެއް ސަަރަހައްދުތަކަށް ޕްރެޝަރުގައި ފެން ނުލިބިދާނެ ކަމަށެވެ. އަދި އެކަން ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިގޮތަށް ލޯ ޕްރެޝަރުގައި ފެން ދަނީ، މާލެއަށް ފެންފޯރުކޮށްދޭ މައި ޑިސްޓްރިބިއުޝަން ނެޓްވާރކް ތެރޭގައިވާ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިކަމަށް ހޭދަވާނީ ކިހާ ވަގުތެއްކަން ދަންނަވަން ނޭނގޭ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، މަރާމާތުގެ މަސައްކަތް ކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް އާއްމުކޮށް ފެންލިބޭ ޕްރެޝަރުގައި ފެންފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ދޭތެރެ ދޭތެރެއިން މާލޭގެ މައި ނެޓްވޯކުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ. އަދި ބައެއް މަގުތަކުގެ މައި ނެޓްވޯކުގެ އަޕްގުރޭޑިންގެ މަސައްކަތްތަކެއް ކުރުމަށް ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަންވެސް ޖެހެއެވެ.
ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން، އެމްޑަބްލިޔުއެސްސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.