ރާއްޖޭގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތްކަމަށްވާ ޕްރެޒިޑެންޓްސް ކަޕުން މިފަހަރު، ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ޝަހުސިއްޔަތުތައް ކަމަށްވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ނުފެނުން އެއީ މުބާރާތަށް ލިބޭ ބޮޑު ފަޅުކަމެއް ކަމުގައި ކްލަބް ވެލެންސިއާގެ އެސިސްޓަންޓް ކޯޗް އާފިއު މުހައްމަދު ބުނެފިއެވެ.

ހެޑް ކޯޗުކަމުގެ މަގާމުން މުޙައްމަދު އާތިފް (އާތީ) ވަކިވުމަށްފަހު ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެލެންސިއާގެ ފަރާތުން ބައިވެރިވަމުން އަންނަ އާފިއު ބުނީ ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށާއި، ރާއްޖޭގެ އެންމެވަރުގަދަ ދެޓީމު ނުލާ މުބާރާތް ފެށުން އެއީ މި މުބާރާތަށް ލިބޭ ފަޅުކަމެއް ކަމަށެވެ.

"ޕްރެޒިޑެންޓް ކަޕް މިއީ ރާއްޖޭގަ ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް. މި މުބާރާތަށް މި ޖެހެނީ ރާއްޖޭގެ އެންމެ ވަރުގަދަ ދެޓީމުވެސް ނުލާ ކުޅެން. އެއީ މިހާރު ރެލިގޭޓުވެފައިން، ދެވަނަ ޑިވިޝަނުގައި ކުޅޭ ވިކްޓްރީ ދެން ނިއުރޭޑިއެންޓް. އެހެންވީމަ އެ ދެޓީމު ނުލާ ކުޅުން މިއީ މުބާރާތަށް އަންނާނެ ފަޅުކަމެއްކަން އަޅުގަނޑު ފާހަގަކުރަން".
ވެލެންސިއާގެ އެސިސްޓަންޓް ކޯޗް އާފިއު މުހައްމަދު

ޕްރެޒިޑެންޓްސް ކަޕް އެންމެފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއެންޓް އެވެ. އެހެންނަމަވެސް ކުޅުންތެރިންނަސް މުސާރަ ނުދެވި ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން، ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިންވެސް ވަނީ ނިއުރޭޑިއަންޓް އާއި ވިކްޓްރީ ސަސްޕެންޑް ކޮށްފައެވެ. ފާއިތުވީ 3 އަހަރު ނިއުރޭޑިއަންޓަށް ސަސްޕެންޝަންގެ ސަބަބުން ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވިފައެއް ނުވެއެވެ.

މިފަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ލީގު ޗެމްޕިއަން މާޒިޔާ އަތުންވީ ބައްޔާ ބެހޭގޮތުން ވާހަކަދައްކަމުން އާފިއު ބުނީ، މެޗުގައި އެހާ ބޮޑު ތަފާތަކުން ބަލިވީ ތައްޔާރުވާން ލިބުނު ވަގުތުކޮޅު ކުޑަވުމުން ކަމަށާއި، ހުރިހާ ކުޅުންތެރިން ހަމަވެގެން ފަރިތަކުރުންތައް ފެށުން ލަސްވުމުގެ ސަބަބުން ކަމަށެވެ. އަދި އެމެޗަށް މާޒިޔާ ހޯދީ ހައްގު މޮޅެއް ކަމަށާއި، ވެލެންސިއާ އަށްވުރެ މާ ރަނގަޅަށް މާޒިޔާ ތައްޔާރުވެފައިވާކަން އާފިއު ފާހަގަކުރިއެވެ. އަދި މެޗުން ބަލިވުމުން އެކަމާ ކަންބޮޑު ނުވާކަމަށާއި، ހިތްހަމަ ނުޖެހެނީ އެހާ ބޮޑު ތަފާތަކުން ބަލިވުމުން ކަމަށެވެ.

"އަސްލުގަ އެހާ ބޮޑު މާޖިންއެއް އައީވެސް އަހަރުމެންނަށް ލިބުނު ވަގުތުކޮޅު ކުޑަވުމާ އެއްކޮށް، ދެން ޓީމު ތައްޔާރުކުރުމުގަ، ހުރިހާ ޕްލެޔަރުން ހަމަވުން ތަންކޮޅެއް ލަސްވީމަ. އަނެއްކޮޅުން ވާގޮތަކީ މާޒިޔާ އިނީ ވަރަށް ބޮޑަށް ރެޑީވެފަ. އެމީހުންނަސް އަސްލުގަ ހައްގު މޮޅެއް އެއީ. މާޒިޔާ ޕްރިޕަރޭޝަންވެސް ރަނގަޅުވެފަ، ހުރިހާގޮތަކުންވެސް އަދި އެމީހުން ކުޅުނުއިރު ސްޓެމިނާވެސް ވަރަށް ހައި. އަދި އެ އިންޓެންސިޓީވެސް ވަރަށް ރަނގަޅު. މާމިޔާ އިނީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ ވެލެންސިއާ އަށްވުރެ ބޮޑަށް. ވެލެންސިއާ ބަލިވުމަކުން އެއީކީ އެހާބޮޑު މައްސަލައެއް ނޫން އެކަމު ބަލިވި މާޖިން އާއިމެދު ހިތްހަމައެއް ނުޖެހޭ".
ވެލެންސިއާގެ އެސިސްޓަންޓް ކޯޗް އާފިއު މުހައްމަދު

ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އެންމެ ފަހުން ކުޅުނީ 2015 ވަނަ އަހަރުއެވެ. އެއީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބްގެ މެދުގައި ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި މުބާރާތް ބޭއްވިއިރުއެވެ. އޭގެ ފަހުން 2016 އާއި 2017 ގައި ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ ނުކުޅެއެވެ.

ވެލެންސިއާ އިން ހަ އަހަރު ތެރޭ ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާއެވެ. މެޗު ފަށާނީ 9 ޖަހާއިރުއެވެ.