އޮމިކްރޮން ވޭރިއެންޓުން ކޮވިޑްބަލި ފެތުރުން ކޮންމެ ތިންދުވަހަކުން ދެގުނަ އިތުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ-ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅޭގޮތުން އެންމެފަހުން ދިން އަޕްޑޭޓްގައި ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، ކޮމިއުނިޓީ ސްޕްރެޑްއޮތް ގައުމުތަކުގައި ޑެލްޓާ ވޭރިއެންޓަށްވުރެ އެތައްގުނަ ބާރަށް އޮމިކްރޮން ފެތުރެމުންދާ ކަމަށާއި، އެގޮތުން އޮމިކްރޮންގެ ކޭސްތައް ކޮންމެ ތިން ދުވަހަކުން ދެގުނަ އިތުރުވަމުންދާ ކަމަށެވެ.

ޑަބްލިޔުއެޗްއޯއިން އިއްޔެ ބުނެފައިވަނީ، އޮމިކްރޮން ވޭރިއެންޓް މިހާރު ދުނިޔޭގެ 89 ގައުމަކުން ފެނިފައިވާ ކަމަށެވެ.

ކޮވިޑްވެކްސިން މަތީ ނިސްބަތަކަށް ޖަހާފައިވާ މީހުން ތިބި ގައުމުތަކުގައިވެސް އޮމިކްރޮން ވޭރިއެންޓް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި، މިއީ، މިހާރު ބޭނުންކުރާ ވެކްސިންގެ ދިފާއުން ރެކުމުގެ ގާބިލްކަން އޮމިކްރޮން ވޭރިއެންޓުގެ ހުރެގެން ދިމާވާ ކަމެއްކަމަށް އަދި ސާފުކޮށް ބުނަން ނޭނގޭ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.

އެކަން ކަށަވަރު ކުރުމަށްޓަކައި އިތުރު ދިރާސާތަކާއި ތަހުލީލުތައް ބޭނުންވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ރިސާޗަރުން ހުކުރު ދުވަހު ބުނެފައިވަނީ، ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓަކީ ޑެލްޓާ ވޭރިއެންޓަށްވުރެ ބާރުދެރަ ވޭރިއެންޓެއް ނޫންކަމަށެވެ. އަދި ކުރިން ބަލިޖެހި ރަނގަޅުވެފައިވާ މީހުންނަށް އަލުން ބަލިޖެހުމުގެ ފުރުސަތު ފަސްގުނަ އިތުރު ކަމަށްވެސް ބުނެފައި ވެއެވެ.

އިނގިރޭސި ރިސާޗަރުން މިހެން ބުނެފައިމިވަނީ، އޮމިކްރޮން ވޭރިއެންޓަކީ މާބޮޑަށް ނުރައްކާތެރި ނުވަތަ އެއީ، ކޮވިޑްބަލި ޖެހޭ މީހާގެ ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްކޮށްލާ ވޭރިއެންޓެއްކަމަށް ވަގުތީ ދިރާސާތަކުން ނުދައްކާކަމަށް ބައެއް ސައިންސްވެރިން ބުނެފައި ވަނިކޮށެވެ.

އެހެންކަމުން، އެކި ސައިންސްވެރިން ދިރާސާތަކުގެ މައްޗަށް ބިނާކޮށް ހާމަކުރަމުންދާ މައުލޫމާތާ ގުޅިގެން، އޮމިކްރޮން ވޭރިއެންޓަކީ ބާރުދެރަ ވޭރިއެންޓެއް ކަމަށް ދައްކާ ވާހަކަތަކާމެދު މިހާރުވަނީ ޝައްކުތައް އުފެދިފައެވެ.