އޯޑިއޯ ލަވަތަކަށް ޚާއްސަ ޕްލެޓްފޯމް ސައުންޑް ކްލައުޑްގައި މިދުވަސްވަރު އެންމެ ގަދައަށް ހިނގާ އެއްލަވައަކީ ހިމޭން ހިތްގައިމު ނާނާއެކެވެ.

ބައްޕައަކު ދަރިއަކުދެކެވާ ލޯބި ހާމަކޮށް މިމަހުގެ 14 ވަނަ ދުވަހު ސައުންޑްކްލައުޑަށް އަޕްލޯޑުކުރި "ދަރިފުޅު" ލަވަ ވެގެންދިއައީ، ދިވެހިންގެ، ހާއްސަކޮށް ބައްޕައިންގެ ހިތްތަކާއި ކުޅެލި، އެ ބައްޕައިންގެ ޝުއޫރުތައް ޅެންބައިތުތަކަކުން ހާމަކޮށްދިން ހިތްގައިމު ލަވައަކަށެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަބައެއްގެ ސަމާލުކަމަށް އައި މިލަވަ ކިޔާފައިވަނީ ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ އަހުމަދު އިޝާމް ގެ އަޑުންނެވެ.

އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އިވެމުން އަންނަނީ މަންމައިން ދަރިންދެކެ ވާ ލޯބިން ކިޔާފައިވާ ލަވަތަކެވެ. އެހެންނަމަވެސް އިޝާމްގެ ހިތްގައިމު އަޑުން ކިޔާފައިވާ "ދަރިފުޅު" މިލަވައިން ބައްޕައަކު ދަރިއަކު ދެކެވާ އިންތިހާ ލޯބި ހާމަވެގެންދެއެވެ.

ރ. މީދޫއަށް އުފަން އަހުމަދު އިޝާމަކީ މިފަހަކުން ސައުންޑް ކްލައުޑްގައާއި ސޯޝަލް މީޑިއާގައި އޭނަގެ އަޑުން ކިޔާފައިވާ ކުރީގެ އަދި ފަހުގެ ދިވެހި ލަވަތަކުން މަޝްހޫރުކަން ހޯދަމުން އަންނަ ޒުވާން ލަވަކިޔުންތެރިއެކެވެ.

އިޝާމް ކިޔާފައިވާ ކަވަރ ލަވަތަކުގެ ތެރޭގައި "ގޮވިއްޖެ ނަދުރު މިރޭ"، "ހައިރާން ވެފާއޭ" އަދި "ލޯބިން އަލުން" ފަދަ ލަވަތަކަކީ ދިވެހިންގެ ހިތްތަކާ ކުޅެލާފައިވާ މަޝްހޫރު ރީތި ލަވަތަކެކެވެ. އަދި އިޝާމްގެ އަޑުން ކިޔާފައިވާ ކަވަރ ލަވަތަށްވެސް އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯރމްތަކުގައި މަޤްބޫލުކަން ހޯދަމުންނެވެ.

https://soundcloud.com/user-110504933/dharifulhu-mp3?ref=clipboard&p=a&c=1&si=ae9c357c47fd41db9adb54dec334b143&utm_campaign=social_sharing&utm_medium=text&utm_source=clipboard

މި ފަހަކުން އޭނަގެ އަޑުން ކިޔާފައިވާ ލަވައެއްކަމުގައިވާ "ދަރިފުޅު"އަކީ މިހާރު ސައުންޑް ކްލައުޑްގައި އެންމެ ހިނގާ އެއްލަވައެވެ. މިލަވަ މިހާވަރަކަށް ސައުންޑް ކްލައުޑްގައި މަޝްހޫރުވެގެން މިއުޅެނީކީ ހުސްއެކަނި އަޑުގެ ސަބަބުން އެކަންޏޭ ދަންނަވާލައިގެން ނިންމާލެވޭކަށް ނެތެވެ. މިލަވައިގެ ޅެންވެސް ހަމަ އެހާ ޗާލުވެފަ ފުރިހަމައެވެ.

މި ލަވައިގެ މައުލޫމާތު ވީނިއުސްއާ ހިއްސާ ކުރަމުން ލަވައިގެ ލިރިސިސްޓް އަލީ ހަސީން ބުނީ، މިލަވައަކީ ބައްޕައަކު ދަރިއަކު ދެކެވާ އިންތިހާ ލޯބި ހާމަކޮށް އަންގައިދޭ ލަވައެއް ކަމަށެވެ.

ތ. މަޑިފުށީ ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ އަލީ ހަސީނަކީ އެކިއެކި މުނާސަބަތުތަކުގައި ޅެމާއި މަދަހައާއި ލަވަ ފަދަ ކަންކަން ކުރާހިތުން ކުރަމުން އަންނަ ފަންނުވެރިއެކެވެ. އުފަން ރަށް، މަޑިފުށި ސްކޫލްގެ އިތުރުން އެހެން އެކި ސްކޫލްތަކަށް އެ ސްކޫލްތަކުން ހިންގާ މުބާރާތްތަކަށާއި އިވެންޓްތަކަށްވެސް އަލީ އަންނަނީ ލަވަޔާއި މަދަހައަށް ޅެން ހަދައިދެމުންނެވެ.

އެހެންނަމަވެސް "ދަރިފުޅު" މިލަވަ އަލީ އަށް ވަރަށް ޚާއްސައެވެ. އެއީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ.

އަލީ ބުނީ މިއީ އޭނަ ރިލީޒްކުރި ފުރަތަމަ ލަވައަށްވެފަ އޭނަ މިހާތަނަށް ހެދި ލަވަތަކުގެ ތެރެއިން އޭނަ އެންމެ ހިތްހަމަޖެހޭ ލަވަކަމުގަ ވާތީކަމަށެވެ.

އަލީ ބުނީ އޭނަ އެހާ ހިތްހަމަޖެހޭ ގޮތަކަށް ހެދުނު މިލަވަ ކިޔައިދިނުމަށް މަޝްހޫރު ވަރަށް ގިނަ ފަންނާނުން އިންކާރު ކުރި ކަމަށެވެ. އެކަމަކު އެއީ މާބޮޑު ކަމެއްކަމުގައި ނުހަދާ ކަމަށާއި ފަހަރުގާ އެއީ އަލީއަކީ މަޝްހޫރު ޅެންވެރިއެއް ކަމުގައި އެމީހުން ނުދެކޭތީ ކަމަށް ވެދާނެ ކަމަށްވެސް އަލީ ހަސީން ވީނިއުސްއާ މައުލޫމާތު ހިއްސާކުރަމުން ބުންޏެވެ.

އާންމުކޮށް ކުޑަކުދިންނަށްޓަކައި މަސައްކަތްކުރަމުން އަންނަ އަލީ ހަސީންގެ "ދަރިފުޅު" މިލަވައިގެ މިއުޒިކް ހަދާފައިވަނީ ޝާ ސްޓޫޑިއޯއިންނެވެ. އަދި މިލަވަ ހެދުމަށް އިޝާމް އަދި ޝާފިއުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަމަށާއި، ހިތްވަރު ލިބުނީ އެ ދެމީހުންގެ އިސްނެގުމުގެ މަތީން ކަމަށްވެސް އަލީ ބުންޏެވެ.

ލަވައިގެ ވީޑިއޯއެއް ހެދުމަކީ އަލީ ވަރަށް ބޮޑަށް ބޭނުންވާކަމެއް ނަމަވެސް ރަށުގައި އެ ވަސީލަތްތައް ލިބެން ނެތުމުގެ ސަބަބުން އެއީ މިވަގުތު އަދި ވާން ނެތްކަމެއް ކަމުގައި އަލީ ބުންޏެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އެ މަސައްކަތްވެސް ފަށާނެ ކަމަށް އަލީ ބުންޏެވެ.

މީގެ ކުރިން ދަރިންނަށް ކިޔައިދޭ ނާނާއިން މަންމައިން ދަރިންދެކެ ވާ އިންތިހާ ލޯބި އަންގައިދެއެވެ. އެހެން ނަމަވެސް މިފަހަރު އަލީގެ "ދަރިފުޅު"ން މި ކިޔައިދެނީ ބައްޕައަކު ދަރިއަކު ދެކެވާ އިންތިހާ ލޯތްބެވެ.