އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އަރަބިއްޔާ ސްކޫލްގެ ކަންތަކުގައި ގެންގުޅުއްވަނީ މުޞްޠަފާ ކަމާލް އަތާތުރްކުގެ ސިޔާސަތު ކަމަށާއި އެ ސިޔާސަތު މިރާއްޖޭގައި ނުހިންގޭނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގެ ކުރީގެ ވެރިޔާ މުޞްތަފާ ކަމާލް އަތާތުރްކު އެގައުމުގެ ވެރިކަން ހިންގެނީ އިލްމާނީ ނިޒާމަށެވެ. އެއީ ވެރިކަމާއި ދީން ވަކިކޮށްފައި އޮންނަ ނިޒާމެކެވެ. މިކަމުގެ އަސްލަކަށްވީ ތުރުކީން އިސްލާމް ދީނުގެ އުސޫލުތަކާއި، އިސްލާމީ ހަޟާރަތް ނެތިގެންދިއުމަށް މަގުފަހި ވުމެވެ.

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު އުނގަންނައި ދިނުމަށް ޚާއްސަކޮށް ހިންގާ އަރަބިއްޔާ ސްކޫލްގެ ކަންކަމުގައި އެ މިނިސްޓްރީން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ޑރ. އިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓަރ ގެންގުޅުއްވަީ މުސްތަފާ ކަމާލް އަތާތުރްކްގެ ސިޔާސަތު ކަމަށާއި އެ ސިޔާސަތު މިރާއްޖޭގައި ނުހިންގޭނެ ކަމަށެވެ.

ޑރ. އިޔާޒް ވިދާޅުވީ، ޢަރަބިއްޔާ ބެލެނިވެރިން ހަތަރެސްފައިގާ ބިޑި އަޅުވައި، އަނގައިގާ މަލަން އެޅިނަމަވެސް ދަރިންގެ ޙައްޤުތައް ހޯދައިދިނުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

އަަރަބިއްޔާ ސްކޫލުގެ ހާލަތު ގޯހުން ގޯހަށް ގޮސްފަވާއިރު އެސްކޫލުން ދަރިވަރުން ނެރޭނީ ދަރިވަރުންނަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ކުރިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި ވަގުތުން ވަގުތަށް ކުރަންޖެހޭ މަރާމާތުތައް ދެނެގަތުމަށް ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށް އިސްޕެކްޝަން ރިޕޯޓުން ދައްކާތީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއްނުވެ ކުއްލިއަކަށް ނިންމީ އަރަބިއްޔާ ސްކޫލްގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ.

ނަމަވެސްމ ބެލެނިވެރިން ވަނީ މިއީ ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލަން ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށާއި، އެހެންކަމުން އެޑިއުކޭޝަނުން ނިންމި ނިންމުން ކުށްވެރިކޮށް އެޔަށް އަމަލުކުރެވެން ނެތްކަމަށް ޕީޓީއޭއިން ބުނެފައި ވެއެވެ.

އަރަބިއްޔާ ސްކޫލްގެ ކިޔެވުން އިއްޒުންދީން ސްކޫލަށް ބަދަލު ކުރުމާއި ދެކޮޅު ހަދައި އެކަން ހުއްޓުވުމަށް އެ ސްކޫލްގެ ބެލެނިވެރިން މިދިޔަ ހުކުރު ދުވަހު ވަނީ އިހްތިޖާޖުކޮށްފައެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން މިހާރު ބޭނުންވަނީ ކުރީގެ ނާދީ ހުރިތަނުގަ ޢަރަބިއްޔާގެ އައު ޢިމާރާތެއް ސަރުކާރުން އަޅައިދިނުމަށެވެ.

ހިރިޔާ ސްކޫލް ކައިރީ އޮތް ހުސްބިމާއި، އެނޫންވެސް ހުސް ބިންތައް މާލޭގައި އެބަހުރިކަންވެސް ބެލެނިވެރިން ފާހަގަކުރެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، އަރަބިއްޔާ ސްކޫލްގެ އިމާރާތަށް މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި އިމާރާތުގެ ހާލަތު މިހާރު ހުރި ގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

އިމާރާތަށް ލިބިފައިހުރި ގެއްލުންތަކަށް ހައްލެއް ލިބެންދެން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިޔުމަކީ ލާޒިމުކަމެއް ކަމަށާއި 700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތްކޮށްފައި ހުރި އިމާރާތެއްގައި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެގޮތުން އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށާއި އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްގެ ތެރެއިން އެއް ސްކޫލް އަރަބިއްޔާއަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ހާމަކުރެއެވެ.

މީގެއިތުރުން ސްޓަރަކްޗަރަލް އެސެސްމެންޓް ނިމުމުން އެ އެސެސްމެންޓުގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް، އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި އިމާރާތް އަބަދުވެސް ހާއްސަ ކުރެވިފައި ހުންނާނީ އަރަބިއްޔާއަށް ކަމަށްވެސް ބުނެފައިވެއެވެ.