އަރަބިއްޔާ ސްކޫލް އުވާލަން މަސައްކަތް ނުކުރައްވާ ކަަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވިއިރު އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާއި ދެކޮޅަށް އެސްކޫލްގެ ބެލެނިވެރިން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.

އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއިން މިއަދު މިނިސްޓަރާ ބައްދަލުކުރައްވާ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ މިއަދު ހަވީރު ވަނީ އަރަބިއްޔާ ސްކޫލަށް ވަޑައިގެން ސްކޫލްގެ ވެރިންނާވެސް ބައްދަލު ކުރައްވާފައެވެ.

ޕީޓީއޭ އަދި ސްކޫލްގެ ވެރިންނާ ވަކިވަކިން ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސްކޫލްގެ ބެލެނިވެރިން އެ ސްކޫލް "ސޭވް" ކުރަން ނުޖެހޭނެ ކަމަށާއި ޕީޓީއޭއެކު މިނިސްޓްރީގެ ޕްލޭން މިއަދު ވާނީ ހިއްސާކުރައްވާފައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަދި އޮތް ނިންމުމަކީ ޢިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރުން ކަމަށާއި އަރަބިއްޔާ ސްކޫލަށް ޚާއްސަ ބިމެއް ހުޅުމާލެއިން ދިނުމަށް މިހާރު ވާނީ ހަމަޖައްސަވާފައި ކަމަށެވެ.

މާލެއިންވެސް ބިމެއް ހަމަ މި ހޯދަނީ. އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް އެއަށްވެސް ގޮތެއް ނިންމޭނެ ކަމަށް. ސްކޫލްގެ ވިޝުއަލް އެސެސްމަންޓް ހަދާފަ މިހާރު ސްޓަކްޗަރަލް އެސެސްމަންޓް މިހާރު ކުރިއަށް އެދަނީ. ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ ޗޮއިސްއެއް ނޫން. އިއްޒުއްދީން ސްކޫލުގައި ކިޔވައިދޭނީ ވަކިން ހަމަ. އެ ސްކޫލްގައި ކޭޓާ ކުރެވޭގޮތަށް އަޅުގަނޑުމެންގެ ޕްލޭންތައް ހުރީ. އެ ޕްލޭން މިހާރު ޝެއާރ ކޮށްފިން. ސޭވް އަރައްބިއްޔާ މި ބޭފުޅުން ވިދާޅުވާތީ އަސްލު އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި ސްކޫލަށް ގޮތެއް ހަދާކަށް ނޫޅެން. މިތަން ދިވެހި ރާއްޖެއިން މިތަން ނައްތާލަންވެސް ނޫޅެން."
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

މިނިސްޓަރ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގައި އިސްލާމީ އަރަބި ތައުލީމު ބާއްވަން ކަމަށާއި ކުދިންގެ ކިޔެވުން ހުއްޓުނަނުދީ ކުރިއަށްގެންދަން ރާވާފަ އޮތް އޮތުމަކީ އެކަމުގެ ރަމްޒެއް ކަމަށެވެ.

އަދި ހުޅުމާލެއިން ފަސްދޮޅަސްހާސް އަކަފޫޓްގެ ބިމެއް އަރަބިއްޔާއަށް ޚާއްސަ ކުރައްވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މާލެއިން ބިމެއް ލިބޭތޯވެސް ވަރަށް މަސައްކަތް ކުރައްވާ ކަމަށެވެ.

އަޅުގަނޑު އެއްވެސް ގަބޫލުކުރާ ކަމެއްނޫން މިއީ. އަޅުގަނޑުމެން ނޫޅެން އަރަބިއްޔާ ސްކޫލް ނައްތާލާކަށް. އިޓިއިޒް އޯލްރެޑީ ސޭފް ވިތް އަޒް އޭ އަޅުގަނޑު ދަންނަވާނީ. ސޭވް އަރަބިއްޔާ އޭ ބުނީމަ އަޅުގަނޑު ވަރަށް ދެރަވޭ. އަޅުގަނޑުމެން ނޫޅެން އަރަބިއްޔާއަށް ގޮތެއް ހަދާކަަށް."
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

މިނިސްޓަރާއެކު މިއަދު ބޭއްވި މަޝްވަރާގެ ބައްދަލުވުމަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން ޕީޓީއޭގެ ޚަޒާންދާރު އަދި ޕީޓީއޭގެ ކުރީގެ ނައިބުރައީސް ޔޫސުފް ވިދާޅުވީ، އެޑިއެކޭޝަން މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވީ އިއްޒުއްދީން ސްކޫލް ނޫން އެހެން ޗޮއިސްއެއް ނެތްކަމަށެވެ.

ބެލެނިވެރިން ވަނީ މީގެކުރިންވެސް ވަރަށް ހިތި ތަޖުރިބާއެއް ކޮށްފައި ކަމަށާއި އެކަން ތަކުރާރު ކުރަން ބެލެނިވެރިން ބޭނުން ނުވާ ކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ.

ހަމަ ދެވަނަ ފަހަރުވެސް އަރަބިއްޔާ ސްކޫލް ބޮލަށް ވެއްޓެން ގާތްވީމަ އަނެއްކާވެސް ނިކުންނަން މިޖެހުނީ. މަގުމަތިވަނީ މި. އަނެއްކާވެސް ހަމަ ދާން މިޖެހުނީ އެއްކަލަ ސްކޫލަށް. އޭރުވެސް ދިޔަ ސްކޫލަށް. އެތަނުގަ ޖާގައިގެ ދަތިކަމާ މިހުރިހާ ކަމެއް މިއީ އަރަބިއްޔާ ބެލެނިވެރިން ތަހައްމަލްކޮށްފައިވާ ކަންކަން. އެއްގޮތަކަށްވެސް އަރަބިއްޔާ ސްކޫލުގެ ބެެލެނިވެރިން ބޭނުމެއްނުވޭ އަލުން އިއްޒުއްދީނަށް ދާކަށް. ޝެއާވެގެން ބޭނުމެއް ނޫން ދާކަށް."
ޕީޓީއޭގެ ކުރީގެ ނައިބު ރައީސް ޔޫސުފް

އިއްޒުދީން ސްކޫލަށް އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު، އެތަނުގައި އެ ސްކޫލްގެ ދަރިވަރުންނަށް ކޭޓަރ ނުކުރެވޭނެކަން މެނޭޖްމެންޓުން އަންގާފަައިވާކަންވެސް ޕީޓީއޭއިން ފާހަގަކުރެއެވެ.

އަރަބއިްޔާގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުން ޕީޓީއޭއިން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީގެ ނިންމުމަށް އަމަލު ނުކުރާނެ ކަމަށެވެ.