ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވުމުން، ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައްދުދެއްވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މެމްބަރު ރިޔާޒް ވިދާޅުވީ ބަންދުން ރައީސް ޔާމީން މިނިވަންވީ "ޓެކްނިކާލިޓީ" އެއްގެ ސަބަބުން ކަމަށެވެ. އެ ވިދާޅުވުން ތިލަކޮށްދެއްވަމުން ރިޔާޒް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ވެސް އަދި ދައުވާ ކުރުމުގެ މަރުހަލާގައި ވެސް ރަގަޅަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. އެ ގޯސްތައް ސުޕްރީމް ކޯޓުގެ ހުކުމް ކިޔާލުމުން ސާފުކޮށް ފެންނަން އެބަ އޮތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒަށް ރައްދުދެއްވަމުން ރައީސް ޔާމިންގެ ވެރިކަމުގައި ނައިބު ރައީސްކަން ވެސް ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމަކީ ޓެކްނިކަލް ގޯހުން ނިމޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ޖިނާއީ ކުށެއް ސާބިތުކުރަން ގިރާކުރަންޖެހޭ ގާނޫނީ އޮޅިގަނޑެއް އޮންނަ ކަމަށާއި މައުސޫމްކަން ސާބިތުވުމުން އެމީހެއްގެ ބޮލުގައި އިލްޒާމް އެޅުވުން ނާތަހުޒީބު ކަމަށެވެ.

އޭގެ އިތުރުން، ސިޔާސީ ގޮތުން ރައީސް ޔާމީނާ ފައި ހަމަ ނުކުރެވޭނެކަން ހަޖަމްކުރަންޖެހޭ ކަމަށް ޖަމީލް ރިޔާޒަށް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު އިއްވި ހުކުމުން ރައީސް ޔާމީން މިނިވަންވެފައި ވަނީ ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާތީއެވެ. އެ ހުކުމުގައި، އެ ފައިސާގެ ބޭނުން ރައީސް ޔާމީން ކުރައްވާފައި ވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ކަން ފާހަގަކޮށްފައިވެއެވެ.