ފާއިތުވި ދެ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައިވެސް އައި އެންމެ ހަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ހެންވޭރު ދަނޑުގައި މިރޭ ބޭއްވެވި މި ޖަލްސާގައި ރައީސް ވަނީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ ލާމަރުކަޒީ ތަރައްގީގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ގިދުމަތްތައް ގާއިމުކޮށްގެން ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަހައްދަކުން، އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުންކަމުގައި ވިދާޅުވެފައެވެ.
އަދި، އެމަނިކުފާނު ވަނީ އެމްޓީސީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ހާއްސަކޮށް ރަށްރަށުގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާއޭ ދެންނެވިދާނެކަމުގައި ވިދާޅުވެފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ އެމްޓީސީސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި އެމަނިކުފާނު ވަނީ ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމްޓީސީސީއާ ބޮޑު މަޝްރޫއެއް ހަވާލުކޮށްފައިވާކަން ހާމަކުރައްވައި، އެ މަޝްރޫއުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ހިދުމަތް ފެށުމަށް، އެމްޓީސީސީ އިން ތައްޔާރުވަމުންއަންނަ ކަމަށާ، މިފަދަ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުސަތުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވިގެންދާނެކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރަށްރަށުގައި އުފެދޭ އެ ވަޒީފާތަކަށް ބޭނުންވަނީ ދިވެހިންކަމުގައި ވިދާޅުވަމުން ރާއްޖޭގައި މިހާރު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިއްޕަވައިގެން، ގައުމީ ތަރައްގީގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ޒުވާނުންނަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ޖަލްސާގައި ރައީސް ވަނީ ގައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެމްޓީސީސީއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަމުގައި ވިދާޅުވެ، އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، 3 އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ ކުންފުނިތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަކަމަށާއި، ހާއްސަކޮށް އަސާސީ ހިދުމަތްތަކާ ގުޅިފައިވާ ކުންފުނިތަކުގެ ދައުރު ވަކިން ބޮޑުކަން ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެމްޓީސީސީގެ ޗެއަރމަން މުހައްމަދު ފަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެމްޓީސީސީ "ކާމިޔާބު 40" ފޮތް ވެދުން ކުރައްވާފައެވެ.
މި ޖަލްސާގައި ރައީސް ވަނީ އެމްޓީސީސީ އަށް ގިނަ ދުވަހު ހިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2021 ވަނަ އަހަރުގެ މުވައްޒަފުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ހޮވިފައިވާ ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވާފައެވެ.