އދ. ފެންފުށީ ސްކޫލުގައި އިތުރު ކްލާސްރޫމްތަކެއް އެޅުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. އަދި ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ ހަސަން އިބްރާހީމް ދީދީއެވެ.

މިއީ ސަރުކާރުގެ މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ ދަށުން އދ. ފެންފުށި ސްކޫލައި 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކުރުމަށް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ.

އެކުންފުންޏާއި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 140 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަކުރާގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއަށް ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.