އަރަބިއްޔާގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށް ރަނގަޅު ކުރުމުގެ ބަދަލުގައި ފެނިގެންދަނީ މައްސަލަ އިތުރަށް ގޯސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ޖަމިއްްޔަތުއް ސަލަފުން ބުނެފިއެވެ.

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މިވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ހާލަތު ގޯސްވެ އެސުކޫލު ހިންގާ އިމާރާތް ބޭނުން ކުރުން ވަނީ ނުރައްކާވެފައެވެ.

އަރަބިއްޔާ ކުދީންނަށް ވަކި ގޮތެއް ހަމަނުޖެހި މައްސަލަ ދިގުލައިގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސަލަފު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި ދިވެހިންނަކީ ޒަމާނުއްސުރެ އަރަބި އިސްލާމީ ތައުލީމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ލެއްވުމަކީ ﷲ އަޅުގަނޑުމެން ދިވެހިންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު އެއް ނިއުމަތް ކަމަށާ އަދި އެއީ ދުޝްމަނުން އެންމެ ހަސަދަވެރިވާ ނިއުމަތް ކަމަށެވެ.

ރާއްޖޭގެ ތަރައްގީ އާއި ތަހުޒީބަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނަކީ މިސްރުގެ ޖާމިއަތުލް އަޒްހަރުފަދަ މުޅި ދުނިޔެއަށް މަޝްހޫރު އަރަބި އިސްލާމީ ތައުލީމުދޭ ޔުނިވަރސިޓީތަކުން އުނގެނިވަޑައިގެންތިއްބެވި ބޭފުޅުންކަން ފާހަގަކުރައްވާ މި ދުވަސްވަރަކީ އަރަބި އިސްލާމީ ތައުލީމުގެ ވަސް ދިވެހިރާއްޖޭގެ ފަސްގަނޑުން ފޮހެލުމަށްޓަކައި ރޭވިގެން މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްވަރެއް ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މި ވަގުތު ދިވެހިރާއްޖޭގައި ހުރި ހަމައެކަނި އަރަބި އިސްލާމީ ތައުލީމުދޭ މަދަރުސާކަމުގައިވާ އަރަބިއްޔާ ސްކޫލް ނައްތާލުމަށްޓަކައި ރޭވިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އަދި މުހިންމު އިލްމީ މުއައްސަސާއާމެދު ކަމާބެހޭ ފަރާތްތަކުން އިހުމާލުވުމުގެ ނަތީޖާއަކީ މިއަދު އެ މަދަރުސާގެ އިމާރާތަކީ ކުދިން ކިޔަވަންދާން އެކަށީގެންވާ ރައްކާތެރި ތަނަކަށް ނުވުންކަން ސަލަފުން ފާހަގަކުރެއެވެ.

ސަލަފުން ބުނީ މި ހިސާބަށް ކަންތައް ދިޔައިރުވެސް މައްސަލަ ހައްލުކޮށް ރަނގަޅު ކުރުމުގެ ބަދަލުގައި މިއަދުވެސް ފެނިގެންދަނީ މައްސަލަ އިތުރަށް ގޯސްކުރުމަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. އަދި ވަގުތީގޮތުން ކަމުގައި ބުނެ އެހެން މީޑިޔަމަކަށް އަދި އެހެން މޮޑެލްއަކަށް ކިޔަވައިދެމުންދާ ސްކޫލެއްގެ ދަރިވަރުންނާ އަރަބިއްޔާގެ ދަރިވަރުން އެއްކޮށްލުމަށް މަސައްކަތް ކުރެވެމުންދާއިރު ދެ މީޑިއަމަކަށް ކިޔަވައިދޭ ދެ މަދަރުސާއެއްގެ ދަރިވަރުން އެއް އިމާރާތެއްގެ ތެރޭގައި ކިޔަވަން ޖެހިއްޖެނަމަ ދިމާވެދާނެ ސީރިއަސް މައްސަލަތަކާއި އިދާރީ ގޮންޖެހުންތަކަށް އެޑިއުކޭޝަނުން އެއްވެސް ބަލާލުމެއް ނެތް ކަމަށެވެ.

އެހެންކަމުން މިކަން ހައްލުކުރުމަށް އަރަބިއްޔާގެ ލޮބުވެތި ބެލެނިވެރިން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތަށް އެޖަމިއްޔާއިން ތާއީދުކުރާ ކަމަށާއި އަރަބި އިސްލާމީ ތައުލީމަށް ފަހި ފުރުސަތުތަކެއް ހޯއްދައި ދެއްވައި އަރައްބިޔާ ސްކޫލަށް ދާއިމީ ހައްލެއް ވީހާވެސް އަވަހަކަށް ހޯއްދަވައި ދެއްވުމަށް ސަލަފުން ވަނީ އެދިފައެވެ.