މިއަދު ދިވެހި ގައުމުން ގެއްލިގެން އެދިޔައީ ގައުމަށް ނުހަނު ގިނަގުނަ އަގުހުރި އެތަކެއް މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ އިޚްލާސްތެރި ޚިދުމަތްތެރިއެކެވެ.

ދިވެހިރާއްޖޭގެ ތަރައްގީއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު އަވަހާރަވުން އެއީ، އިޚްލާސްތެރިކަމާއެކު، ގައުމަށް ހިދުމަތްކުރި، ގައުމުދެކެ ނުހަނު ލޯބިވާ ވަފާތެރި ޚިދުމަތްތެރިއެއް މި ގައުމަށް ގެއްލިގެން ދިއުމެވެ.

މަދަރަސަތުލް ސަނިއްޔާ (މިހާރުގެ މަޖީދިއްޔާ) އިން ތައުލީމު ހާސިލްކުރެއްވި އުމަރު ޒާހިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936 ގައެވެ.

ޢުމަރު ޒާހިރަކީ ގައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާއީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަކީ، ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ހިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

އެމަނިކުފާނާއި ހަވާލުކުރެއްވި ކޮންމެ މަގާމެއްގެ ވާޖިބާއި މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެކެވެ. އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވި ޚާދިމެކެވެ. ހިދުމަތުގެ ތެރެއިން މިއަދުގެ ޖީލަށް ރީތި ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެކެވެ. ގައުމީ ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލައްވައި، ފޯރިއާއި ޖޯޝާއެކީގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ ޝަޚްޞިއްޔަތެކެވެ.

އުމަރު ޒާހިރަކީ، ދައުލަތުގެ ތަފާތު އެތައް ދާއިރާއެއްގައި ހިދުމަތްކުރެއްވި ހީވާގި ބޭފުޅެކެވެ. އެގޮތުން، ފުރުއްވި އިސްމަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމް އޮފީހުގެ ހާއްސަ ވަކީލު ކަމާއި، މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމުގެ އިތުރުން، މާލޭ މުނިސިޕަލްޓީގެ ރައީސްކަން ހިމެނެއެވެ.

އުމަރު ޒާހިރަކީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސް ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޢުމަރު ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަންވެސް ކުރައްވާފައެވެ.

ޢުމަރު ޒާހިރު ކޮށްދެއްވި ހިދުމަތްތަކަކީ، ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެކެވެ. މާގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި، ސަރުކާރަށާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި، އެ މަނިކުފާނު ދެއްކެވީ އާދަޔާ ހިލާފު ސާބިތުކަމެކެވެ. އެގޮތުން، ޢުމަރު ޒާހިރުގެ އަގުހުރި މަސައްކަތްޕުޅުތަކުގެ ތެރެއިން މާލޭ ސަރަޙައްދުން ފެންނަ ތިލަފުށްޓަކީ، އެ މަނިކުފާނުގެ ދުރުވިސްނުންފުޅުގެ ތަޞައްވުރެކެވެ.

ފަޅެއްގެ ގޮތުގައި އޮތް ތަނަކަށް ކުނި އަޅައިގެންނާއި، ވެލިއަޅައިގެން، ރާއްޖޭގެ ރަށެއް ހިއްކައި ތަރައްޤީ ކުރިއިރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ، ޢުމަރު ޒާހިރެވެ. މިއަދު ތިލަފުށި ވެފައިވަނީ ސިނާޢީ ބޮޑު ސަރަޙައްދަކަށެވެ.

އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ހުޅުމާލެ މަޝްރޫއު ފެށްޓެވިއިރު، ހުޅުމާލެ ހިއްކުމުގެ މަސައްކަތުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ އުމަރު ޒާހިރެވެ. މާލޭގެ މަގުތަކުގައި ގައު އެތުރުމުގެ ކުރިން، އޭރު މަގުތައް ހައްދަވައި، މަގުމަތީގައި ހުންނަ އަޑިގުޑަންތަކުން ދުއްވާ އެއްޗިއްސަށް ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރެއްވުމަށާއި، މަގުމަތީގައި ހިނގާބިނގާވާ މީހުންނަށް ފަސޭހަ ތަނަކަށް މަގުތައް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އޭގެފަހުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ސަރުކާރުން ހިންގެވި މަޝްރޫއުގެ މަސައްކަތްތަކުގައިވެސް ޢުމަރު ޒާހިރު މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

އުމަރު ޒާހިރު، މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމު ފުރުއްވަމުން ގެންދެވިއިރު، އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ މަޖީދިއްޔާގެ ދަރިވަރުން، ހަރުދަނާ ރަނގަޅު އަޚްލާޤެއްގެ މަތީގައި ތަރުބިއްޔަތު ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އޭރު މަޖީދިއްޔާގެ ދަރިވަރުން އަމަލު ކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލަނބައި، ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށް ބާރުއެޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ސްކޫލުން ބޭރުގައި އެކުދިން އުޅޭނޫޅޭގޮތް ބައްލަވައި، ވަގުތުން ވަގުތަށް ނަމާދު އަދާކުރުމަށް ބާރުއަޅުއްވައި، އެ ކުދިންނަށް ނަސޭހަތްތެރިވެވަޑައިގެން، ކުރިއަށްދިޔުމުގެ ސީދާ މަގު ދެއްކެވި މުރުޝިދެއްގެ ގޮތުގައިވެސް މެއެވެ.

މީގެއިތުރުން، ސަރުކާރުން މާލޭގައި ކުރެއްވި ގިނަ އިމާރާތްތައް ކުރެއްވުމުގައި، އިސް މޭސްތިރިއެއްގެ ގޮތުން، އުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅު ތަކަކީވެސް ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.

އުމަރު ޒާހިރު އެންމެ ފަހުން ބިނާކުރެއްވި މިސްކިތް ހުޅުވައި ދެއްވީ ޚުދު އެމަނިކުފާނުގެ ބައިވެރިވުމާއިއެކު މިމަހުގެ ފުރަތަމަ ދުވަހުއެވެ.

ފުވައްމުލަކުގައި މިސްކިތެއް އެޅުއްވުމަށް އުމަރު ޒާހިރު ނިންމެވީ އެރަށު މަސްޖިދުއް ސިއްދީގު ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވާން ކައިރިވެފައި ހުރިކަމަށް ބުނެ މީގެ ދެ އަހަރު ކުރިން އެ މައްސަލަ އުމަރު ޒާހިރުގެ ސަމާލުކަމަށް މީހަކު ގެނެސްދިނުމުންނެވެ. މަސްޖިދުއް ސިއްދީގުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށިތާ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާފައިވެއެވެ.

ފުވައްމުލަކުގައި އަލްމަރްހޫމް އޮނަރަބަލް އުމަރު ޒާހިރު އެޅުއްވި މިސްކިތް

ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެހެން މުހިންމު ކަންކަމުގައިވެސް އުމަރު ޒާހިރަކީ ޢަމަލީގޮތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިގޮތުން، ރާއްޖެ، އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން މިނިވަންވުމަށް ކުރި މަސައްކަތްތަކުގައި ޢުމަރު ޒާހިރުގެ ހިއްސާ ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިއެވެ. އަދި ހުޅުލޭ އެއަރޕޯޓް ހަދަމުން ގެންދިޔައިރު، އެކަމުގައި ޢަމަލީގޮތުންއެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވައި، އައްޑުއަތޮޅު ގަމުގައި އިނގިރޭސިން ތިބިއިރު، ލެއިޒަން އޮފީހުގައި ޢުމަރު ޒާހިރު ހުންނަވައިގެން، ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވައި އެއްބާރުލުން ދެއްވާފައިވެއެވެ.

މީގެއިތުރުން، ކުޑަކުދިންގެ އިސްލާހިއްޔާގެ ބިންގާއެޅި، އެ މަސައްކަތް ޢަމަލީގޮތުން ކުރެއްވުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަތީވެސް އުމަރު ޒާހިރެވެ. އަދި 100 ވަރަކަށް ކުދިން މާފުށީގެ އިސްލާހިއްޔާއަށް ގެންދަވައިގެން، އެ ކުދިންނަކީ ހަރުދަނާ ތަރުބިޔަތެއްގެ މަތީގައި ބޮޑެތިވާ ކުދިން ކަމުގައި ހެއްދެވުމަށް ޢުމަރު ޒާހިރު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަކީވެސް، އެ މަނިކުފާނު ކުރެއްވި ވަރަށް މުހިންމު ހިދުމަތެކެވެ.

ޢުމަރު ޒާހިރު، އެންމެފަހުން އަދާކުރެއްވީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމެވެ. އަދި އެމަނިކުފާނަކީ އެވަގުތަކު ސަރުކާރަށް ކުރިމަތިވާ ކޮންމެ މުހިންމު ބޮޑު ކަމެއް ހައްލުކޮށްދެއްވުމުގައި، އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ދިވެހި ސަރުކާރަށާއި، ދިވެހި ގައުމަށާއި، ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި ހިދުމަތްތަކަކީ، މިއަދު މުޅި ޤައުމު ފަޚްރުވެރިވާނެ ހިދުމަތްތަކެކެވެ. ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވީ 2008ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޢުމަރު ޒާހިރު، އަވަހާރަވުމުގެ ހިތާމައިގައި، ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ރައީސުންނާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި އަދި އާއްމުރައްޔިތުން ގެންދަނީ ތައުޒިއާ ދަންނަވަމުންނެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ އަދި ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގައި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، މާފަންނު މެރީގޯލްޑް ޢުމަރު ޒާހިރު، އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ހަމަޖައްސަވާފައެވެ.