ޕްރެޒިޑެންޓްސް ލީގުގައި ހޯމަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކުލަބުން ކްލަބް އީގަލްސްގެ މައްޗަށް ހަނި މޮޅެއް ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މިމެޗުން ޓީސީ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިންވަނީ އެޓޭކިންގ މޮޅު ގޭމެއް ކުޅެފައެވެ. މިހާފުގައި އީގަލްސް އިން ވަނީ ޓީސީގެ ހާފު ތެރޭގައި ގިނައިރު ބޯޅަ ގެންގުޅެ އެޓޭކުތަކެއް ކުރަން މަސައްކަތްކޮށްފައެވެ. އެގޮތުން އީގަލްސްގެ ކުރިއަށް ކުޅުނު ޒުވާން ފޯވާޑުން ކަމަށްވާ ޒައިން ޒަފަރާއި ހަސަން ރާއިފް އަޙްމަދު (ހަންނަ) އަދި އަބްދުﷲ ޒިޔާން (ޖަންކީ) އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ތެރެއިން ޒައިން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ގޯލްކީޕަރު އިމްއާން އާދަމެވެ.

ދެވަނަ ހާފުގެވެސް ކުރީކޮޅު މޮޅަށްކުޅުނީ އީގަލަސް އިންނެވެ. މިހާފުގައި ޓީސީގެ ކީޕަރު ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އީގަލްސްގެ ހަންނައަށް ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް މިހަމަލާގެ ހުރަހަކަށްވީ ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާންއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން 10 މިނެޓަށްވެފައި ވަނިކޮށް، ޓީސީ އަށް ކާމިޔާބުކޮށްދިނީ ހަސަން އީނާޒެވެ. މިއި އޭރިއާ ތެރެއިން ޓީސީގެ ހަމްދޫން އަބްދުލް ލަތީފަށް، އީގަލްސްގެ ހަސަން ސަމީހު މުސާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން އީނާޒް ކާމިޔާބުކުރި ލަނޑެކެވެ.

މިމެޗުން މޮޅުވެ ޓީސީން މުބާރާތުގެ ފެށުން ރަނގަޅުކުރިއިރު، އެންމެފަހުން މިދެޓީމުން ޕްރެޒިޑެންޓްސް ލީގު، އޭރުގެ ޕްރެޒިޑެންޓްސް ކަޕުގައި ކުޅެފައިވަނީ 2016 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައެވެ. އެމެޗުން ޓީސީ ބަލިކޮށް ތަށި އުފުލާލީ އީގަލްސް އިންނެވެ.

މި ފަހަރުގެ ޕްރެޒިޑެޓްސް ކަޕުގައި ދެން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އީގަލްސްއެވެ.

މެދުކެނޑުމަކަށްފަހު މި އަހަރު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ރާވާފައިވާ ގޮތުން ފުރަތަމަ ޑިވިޝަމުގެ އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، މުބާރާތުގެ ފައިނަލުުގައި ކުޅޭނީ ލީގު ބުރުގެ އެންމެ މޮޅު ދެ ޓީމެވެ. އަށް ޓީމު ހިމެނޭ ގޮތަށް އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނީ 2015 ވަނަ އަހަރެވެ. މި އަހަރު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން ފާއިތުވި ތިން ސީޒަނުގައިވެސް އެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބާއްވާފައެއް ނުވެއެވެ.