ރައީސް އިބްރާޙިމް މުހައްމަދު ސާލިޙް ވެރިކަމާ ހަވާލުވުމާ ހަމައިން ފެންނަމުންދަނީ ވަރަށް ހިކުމަތްތެރި ކަމާއެކު ގޮތް ނިންމަވާ މަންޒަރެވެ. ސިޔާސީ ގޮތުން ފެންނަމުންދަނީ ޖަޒުބާތުގެ ތޫނުފިލިކަމާއެކު ހޫނު މައްސަލަތައް ވެސް ވަަރަށް ފަސޭހައިން ހައްލުކުރާ މަންޒަރެވެ. ގައުމުގައި ދިމާވާ އެހެން މައްސަލަތައް ބޮޑު ކަންތައް ގަނޑަކަށް ވުމުން އެންމެ މޮޅު ހައްލު ހޯއްދަވަނީ ވެސް ގައުމުގެ އެންމެ މަތީ ޒިންމާ އިސްތަށިފުޅުގައި އަޅުއްވައިގެން ހުންނެވި ރައީސް ސާލިހެވެ.

މި ފަހުން ބޮޑު މައްސަލައަކަށް ވި އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މައްސަލަ ވެސް އާހިރުގައި ހައްލާ ހަމައަށް އައީ ރައީސް ނިންމެވި ހިކުމަތްތެރި ނިންމުމަކުންނެވެ. އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މަދަރުސާއަކަށް ރާއްޖޭގައި މިވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ހާލަތު ގޯސްވެ އެސުކޫލު ހިންގާ އިމާރާތް ބޭނުން ކުރުން ވަނީ ނުރައްކާވެފައެވެ. މައްސަލައަށް ހައްލެއް ހޯދައިދެއްވުމުގެ ބަދަލުގައި ތަނުގެ ބެލެނިވެެރި ވުޒާރާ މިނިސްޓްރީ އޮފް އެޑިއުކެޝަނުން ބެލީ ދަރިވަރުންގެ ބެލެނިވެރިން ޖަޒުބާތުގައި ޖެއްސޭތޯއެވެ.

އިމާރާތުގެ ހާލަތު ގޯސްވެ އެ ވާހަކަދައްކަން ފެށުމުން އެޑިއުކެޝަން މިނިސްޓްރީން ފުރަތަމަ ބެލީ ބަޔާނަކުން ފުއްދާލެވޭތޯއެވެ. އެ ބަޔާން ނެރުމުގެ ކުރިން ވީނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ސްކޫލްގެ ހާލަތަު ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި ވަގުތުންވަގުތަށް ކުރަންޖެހޭ މަރާމާތުތައް ދެނެގަތުމަށް ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށް އިސްޕެކްޝަން ރިޕޯޓުން ދައްކާތީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި އެސެސްމަންޓް ނިންމުމަށް މަދުވެގެން 2 މަސް ދުވަސް ހޭދަވާނެއެވެ. ސްޓްރަކްޗަރަލް އެސެސްމަންޓް ފުރިހަމަކުރެވުމުން ވީހާ ވެސް އަވަހަކަށް މަރާމާތުގެ މަސައްކަތް ފައްޓަވާނެ ކަމަށް މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ. ނެރުނު ބަޔާނުގައި ވެސް އޮތީ ހަމަ އެއް ވާހަކައެކެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ހާލަތަށް ބަލާއިރު އެ އިމާރާތުގެ ފާރުތަކުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައި ފަޅައިގެން ގޮސްފައެވެ. އުސްކޮށް ހުރި އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނުވާނެ މިންވަރަށް ފާރުތައް ހަލާކުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ހާލަތު ހުރި ގޮތުން އެ ތަނުގައި ކިޔަވައިދިނުމަކީ ނިކަން ނުރައްކާ ކަމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ޚުދު އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވެސް އެކަން ގަބޫލުކުރައްވައެވެ. އެހެންވެ އެކަމަނާ ހައްލެއްގެ ގޮތުގައި ނިންމެވީ އެ ސްކޫލްގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށެވެ.

އަރަބިއްޔާ ސްކޫލް

ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށާއި އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްގެ ތެރެއިން އެއް ސްކޫލް އަރަބިއްޔާއަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ހާމަކުރިއެވެ. އަދި ސްޓަރަކްޗަރަލް އެސެސްމެންޓް ނިމުމުން އެ އެސެސްމެންޓުގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް، އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރިއެވެ. ނަމަވެސް، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންނެވި ނިންމެވުމާ އެއްގޮތަށް އަމަލުކުރެވެން ނެތްކަމަށް ބުނެ ޢަރަބިއްޔާގެ ބެލެނިވެރިން އެކަމާ ދެކޮޅަށް ނުކުތެވެ. އެ ނިންމުމަށް އަމަލުނުކުރާނެ ކަމަށް ބުނެ ޕީޓީއޭ އިން ބަޔާނެއް ނެރުނެވެ. އަދި ބެލެނިވެރިން ވަނީ އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖުވެސްކޮށްފައެވެ.

މައްސަލަ މިހާ ހިސާބަށް ދިއުމުން ސީދާ ރައީސުލްޖުމްހޫރިއްޔާ މި ކަމުގައި އެންމެ ފަހުން ގޮތެއް ނިންމެވީއެވެ. ޢަރަބިއްޔާ ސްކޫލްގެ ދައީމީ ހައްލަކަށް ސަރުކާރުން ނިންމަވާފައިވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެމުގައި އަރަބިއްޔާ ސްކޫލުގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީޓީއޭގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ހައްލެއް ހޯދައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން އާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސް ނިންމެވީ ވަރަށް ބޮޑު އަދި ހިކުމަތްރެރި ނިންމުމެކެވެ. ސާބިތުކޮށްދެއްވީ ކަންކަމުގައި ބޮޑާ ހޭކުމުގެ ބަދަލުގައި މަޝްވަރާގެ މަތިން އެންމެ ފައިދާ ބޮޑު ރަނގަޅު ގޮތަކަށް މައްސަލަތައް ހައްލުކުރެވޭނެ ކަމެވެ. ރައީސްގެ އެ ނިންމެވުމަށް ބެލެނިވެރިން އެ ތިބީ ރުހި ގަބޫލުވެގެންނެވެ.