ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ 2022 ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ 2 ޕާޓީ (ޕީ.ޕީ.އެމް އަދި ޕީ.އެން.ސީ)ގެ އެތެރޭގެ ޕްރައިމަރީ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކަޝަންގައި ޕީޕީއެމްގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން މިމަހުގެ 26 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫ ގެ އިތުރުން މާލޭގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައި ކަމަށް އިދިކޮޅުން ބުނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު މިއަދުން ފެށިގެން މާދަމާގެ ހަވީރު 4:00 އާއި ހަމައަށް އެ ކޯލިޝަނުން ވަނީ ހުޅުވާލާފައެވެ.

އެހެންކަމުން ގާނޫނުގައި ބުނާ ޝަރުތު ފުރިހަމަވާ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 2 ޕާޓީ (ޕީޕީއެމް އަދި ޕީއެންސީ) ގެ މެންބަރެއްގެ ގޮތުގައި 2021 ޑިސެމްބަރު 20 އާއި ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބައި އިލެކްޝަންގައި ޕާޓީ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމު ޕާޓީ އޮފީހަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

ފޯމާއިއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު އެ ތަކެތިވެސް ހުށަހެޅުވުމަށްވެސް އެކޯލިޝަނުން އެދެއެވެ.