ސްރީލަންކާގެ ބޮޑުވާޒިރު، މަހިންދަ ރާޖަޕަކްސާގެ ހުށަހެޅުން ފާސްކޮށް އެގައުމުގެ ކެބިނެޓުން މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ޑެ ސިލްވާ އަށް ހާއްސަ ބިމެއް ދިނުމަށް ނިންމައިފިއެވެ.

"މަނިކޭ މަގޭ ހިތޭ' ލަވަައިގެ ކަވާ ވާޝަނެއް ކިޔައިގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދާ، ލަންކާ އެންމެ ބޮޑު އެއް ސެލެބްރިޓީގެ ގޮތުގައި މިވަގުތު ބެލެވޭ ޔޮހާނީ އަށް ދިނުމަށް ނިންމާފައިވަނީ 9.68 ޕާޗްގެ ބިމެކެވެ. ކުރިންވެސް ލަވަކީނަމަވެސް އުމުރުން 28 އަހަރުުގެ ޔޮހާނީގެ އަޑުގައި އެތައް ބަޔަކު ޖެހުނީ އޭނާގެ އަޑުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވައާއި އެކުގައެވެ. އެހެންނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަން އޭނާ އަށް ލިބިދާނެ ކަމަށް އޭނާ އެއްވެސް ވަރަކަށް ހީވެސް ނުކުރެއެވެ.

ޔޮހާނީ އަށް ދޭން ނިންމާފައިވަނީ 1996 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ލަންކާގެ ކްރިކެޓް ޓީމަށް ބިން ދީފައިވާ ސަރަހައްދު ކަމަށްވާ، ބަތަރަމުއްލާގެ ގުނަވަރްދެނާ މަވަތާ ސަރަހައްދުން ބިމެކެވެ. މި ބިމަކީ ލަންކާގެ އާބަން ޑެވެލޮޕްމަންޓް އޮތޯރިޓީގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދުގައި އޮންނަ ބިމެކެވެ.

ޔޮހާނީ އަށް ބިން ދިނުމަށް ލަންކާގެ އެކިއެކި ސިޔާސީ ފަރާތްތަކުން އެދެމުން ގޮސްފައިވާއިރު، އެގައުމުގެ ޕާލިމެންޓުންވެސް މިކަމަށް ސަރުކާރުގައި އެދިފައިވެއެވެ.

މަނިކޭ މަގޭ ހިތޭ މި ލަވައިގެ ޖާދޫގައި ޖެހި އެތައް ގައުމެއްގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ޔޮހާނީ އަށް އެކިކަހަލަ ފުރުސަތުތައް ތަނަވަސްކޮށްދެމުންނެވެ. އެގޮތުން މިލަވައިގެ ޓަމިލް ވާޝަން އާއި، ހިންދީ ވާޝަންގެ އިތުރުން އެހެން ބައެއް ބަހުރުވަ ތަކުންވެސް ޔޮހާނީ އަށް މިލަވަ ކިއުމުގެ ފުރުސަތު އެކި ފަރާތްތަކުން އަންނަނީ ދެމުންނެވެ.

ޔޮހާނީއަށް ލިބުނު މަގްބޫލުކަމާއެކު ލަންކާގެ ރައީސްވެސް ވަނީ އޭނާއާ ބައްދަލުކޮށްފައެެވެ.