އަބޫ ދާބީ ގައި މިހާރު ކުރިއަށްދާ 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 2 ރިލޭއެއްގެ ޤައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އައުކޮށްފިއެވެ.

ހަމްނާ އަޙްމަދު، އާއިޝަތު ސައުސަން، އިމްޢާން ޢަލީ އަދި މުޙައްމަދު ޢާން ޙުސައިން ވަނީ ދިވެހިރާއްޖެ ތަމްޞީލްކޮށް، 4 ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓް 02.05.97 އިން އަދި 4 ގުނަ 50 މީޓަރ މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓް 01.50.76 އިން ފުރިހަމަކޮށް، މި ދެޤައުމީ ރެކޯރޑް އައުކޮށްފައެވެ.

މިއިވެންޓް އެންމެ ފުރަތަމަ ފަތާފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު 14 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައެވެ. އެފަހަރު ޓީމުގައި ހިމެނުނީ، ހަމްނާ އަޙްމަދު، އައިޝަތު ސައުސަން، އިމްޢާން ޢަލީގެ އިތުރުން މުބާލް އައްޒާމް އިބްރާޙީމެވެ. އެފަހަރު 4 ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓް ނިންމާފައިވަނީ 02.14.46 އިންނެވެ. އަދި 4 ގުނަ 50 މީޓަރ މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓް ނިންމާފައިވަނީ 01.57.70 އިންނެވެ.

އަދި މި މުބާރާތުގައި އިމްޢާން ވަނީ ޝޯރޓްކޯސް 400 މީޓަރ ފްރީސްޓައިލްގެ ޤައުމީ ރެކޯޑް އަދި 100 މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯރޑް އައުކޮށްފައެވެ. މި މުބާރާތުގައި އިމްޢާން 400 މީޓަރ ފްރީސްޓައިލް ފަތާފައިވަނީ 04.24.45 އިންނެވެ. އަދި، 100 މީޓަރ ބެކްސްޓްރޯކް ފަތާފައިވަނީ 01.03.02 އިންނެވެ. މީގެތެރެއިން 100 މީޓަރ ބެކްކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް އިމްޢާން އެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 01.05.26 އިން ރޭސް ފުރިހަމަކޮށްގެންނެވެ. 400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން ހޯލްޑްކޮށްފައިވަނީ މުބާލް އައްޒާމް އިބްރާޙީމެވެ. އެއީ ހަމަ އެ މުބާރާތުގައި 04.40.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެއިތުރުން ހަމްނާ އައުކޮށްފައިވަނީ ޝޯރޓްކޯސް 50 މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯޑް އަދި 100 މީޓަރ އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯރޑެވެ. މި މުބާރާތުގައި ހަމްނާ 50 މީޓަރ ބެކްސްޓްރޯކް ފަތާފައިވަނީ 00.32.78 އިންނެވެ. އަދި، 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ ފަތާފައިވަނީ 01.15.82 އިންނެވެ. މީގެތެރެއިން 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން ހޯލްޑްކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 00.33.89 އިން ރޭސް ފުރިހަމަކޮށްގެންނެވެ. 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މީގެ ކުރިން ހޯލްޑްކޮށްފައިވަނީ އާމިނަތު ރޫޔާ ޙުސައިންނެވެ. މީގެ 15 އަހަރު ކުރިން 2005 ވަނަ އަހަރު ބޭއްވުނު ފުރަތަމަ އޭޝިއަން އިންޑޯރ ގޭމްސްގައި ރޫޔާ ރޭސް ފުރިހަމަ ކޮށްފައިވަނީ 01.19.76 އިންނެވެ.

އުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދާބީގައި މި މަހުގެ 16 އިން 21 ކުރިއަށް ދާ މި މުބާރާތުގައި ވާދަކުރި ދިވެހި ފެތުންތެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރ 2021 ގައެވެ.